Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

މި އަހަރަކީ އެމްއެންޑީއެފްގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރެވިގެން ދާނެ އަހަރެއް: ނާޒިމް

ކޯސްޓް ގާޑްގެ އާ ޔުނިފޯމް އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އެމްއެންޑީއެފް

މި އަހަރަކީ އެމްއެންޑީއެފްގެ ތަރައްޤީއަށާއި ސިފައިންގެ ވެލްފެއަ އަށް ތަފާތު ގިނަ ކަންތައްތަކެއް ކުރެވިގެން ދާނެ އަހަރެއް ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަޑް) މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑްގެ 33 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ކޯސްޓްގާޑްގެ އައު ޔުނިފޯމް ރަސްމީ ގޮތުން އިފްތިތާޙުކޮށް ދެއްވައި ޔުނިފޯމްގެ ހެޑްގިއާ ޙަވާލުކޮށް ދެއްވުމަށް މިއަދު މިއަދު ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ސިފައިންނަށް އެކަމަޑޭޝަން ހަމަޖެއްސުމަށްޓަކައި ބޭނުންވާ ތަކެތި ވެސް މިހާރު ވަނީ ހޯދާފައިވާ ކަމަށެވެ. އަދި ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތައް ފުރިހަމަކޮށް، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ އެމަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ތެރޭގައި ޙާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަން ރާއްވަވާފައި އޮތް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ސިފައިންނަށް ބޭނުންވާ އެކިއެކި އާލާތްތައް ހޯއްދަވައި ދެއްވުމުގެ މަސައްކަތްތައް އަހަރު ތެރެއަށް ބަހާލައިގެން ބަޖެޓް ކުރެވިގެން އެ މަސައްކަތް ކުރުމަށް މިހާރު ރޭވިފައިވާ ކަމަށެވެ.
މީގެ އިތުރުން، ސިފައިންގެ ހޮސްޕިޓަލް "ސެނަހިޔަ" އިން ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ވެސް މި އަހަރު ތެރޭ ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަށާއި ރާއްޖޭން ބޭރަށް ސިއްޙީ ފަރުވާ ހޯދުމަށް ދާ ސިފައިންނާ ސިފައިންގެ ޢާއިލާތަކަށް "ސިފްކޯ" މެދުވެރިކޮށް ހެޔޮ އަގެއްގައި އެކަމަޑޭޝަން ހަމަޖެއްސޭނެ ގޮތްތަކެއް އޮތްތޯ ވެސް ބައްލަވަމުން ގެންދާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެމްއެންޑީއެދުން އާ އަހަރަށް ކަނޑައަޅާ އަމާޒުތަކެއް ނުވަތަ ލަނޑުދަނޑިތަކެއް ހުންނަން ޖެހޭނެ ކަމަށް ޤަބޫލްފުޅު ކުރައްވާ ކަމަށާއި އެގޮތުން އެންމެ މުހިއްމުކަމެއް ކަމަށް ދެކެވަޑައިގަންނަވަނީ ސިފައިންނަކީ ތަސައްވަރު ރަނގަޅު ރައްޔިތުންގެ އިޙުތިރާމާ މަޤްބޫލުކަން ލިބިފައިވާ ބައެއްގެ ގޮތުގައި ސާބިތުވެތިބުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަދި ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ، ސިފަވަންތަ، ޕްރޮފެޝަނަލް، އަދި ނަމޫނާ ބައެއްގެ ގޮތުގައި ދެމިތިބުމަށާއި ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދީ އިޖްތިމާޢީ އެކިއެކި ޙަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ސިފައިން ޙަރަކާތްތެރިވުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމަ އެއާއެކު ސިފައިންގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތައް، ޙާއްސަ ސަމާލުކަމެއް ދެއްވައިގެން މިއަހަރު ހިންގަވައިދެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމުގެ އަރިހުން އެދިވަޑައި ގެންނެވިއެވެ.

އަދި މިއަހަރަކީ އުފެއްދުންތެރި، ނަތީޖާ ޙާސިލް ކުރެވޭ އަހަރެއްގެ ގޮތުގައި ހެދުމަށް އެމްއެންޑީއެފްގެ ހުރިހާ ލެވެލްއަކުންވެސް މަސައްކަތް ކޮށްދެއްވުމަށް ނާޒިމް ވިދާޅުވިއެވެ.

ކޯސްޓްގާޑަށް ވަކި ޔުނިފޯމެއް ތަޢާރަފްކުރުމުގެ އެންމެ މުޙިންމު ބޭނުމަކީ ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްގޮތަށް ޒަމާނީ ގޮތަކަށް ތަރުތީބް ކުރެވިފައިވާ ބާރަކަށް ކޯސްޓްގާޑް ހެއްދެވުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި މި ސަރަޙައްދުގެ އެހެނިހެން ޤައުމުތަކުގެ ނޭވީންތަކާ އެއްކޮށް ފައިތިލަ ސާބި ތުކުރުމުގެ ފުރުޞަތު ކޯސްޓްގާޑަށް ހޯއްދަވައި ދެއްވުން ކަމަށާއި ދިވެހި ރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށް ވާތީ އަމާޒަކީ އެއްގަމާއި ކަނޑުގައި ގުޅިގެން އޮޕަރޭޓް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފައުޖެއް ޤާއިމްކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން ދިވެހި ނޭވީ ނުވަތަ ކޯސްޓްގާޑަކީ ސިފައިންގެ މަސްއޫލިއްޔަތާ ވާޖިބު އަދާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކޮމްޕޯނަންޓް ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.