Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ފުވައްމުލަކުގެ ރިންގު ރޯޑު ހަދަނީ ރައްޔިތުންގެ މަޝްވަރާ ހޯދުމެއް ނެތި: މޭޔަރ

ފުވައްމުލަކު ރިންގު ރޯޑުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު މަގުގެ ޑިޒައިނާއި ގުޅޭ ގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުން ހުރިކަމަށް ފުވައްމުލަކު މޭޔަރ ފަލާހު ޝަރީފު ވިދާޅުވެއްޖެއެވެ.

ފަލާހު "އައްޑޫލައިވް"އަށް ވިދާޅުވީ އެރަށުގައި ރަނގަޅު ފެންވަރުގެ މަގެއް ހެދުމަކީ ރައްޔިތުން ނުހަނު އެދި އެދި ތިބި ކަމެއް ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ފުވައްމުލަކު މަގު ހެދުމުގެ ނަމުގައި ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އޭރު ހުރި ކަންބޮޑުވުން ތައް ހައްލު ނުކުރެވި ވަނިކޮށް މި ސަރުކާރުން މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކުރިކަމުގެ ހަބަރު ލިބުނީ ނޫސް ތަކުން ކަމަށެވެ.

"ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއު ކުރީ ސަރުކާރުން ފަށާފައި ކުރިއަށް ނުގެންދެވި ހުއްޓާލާފައިވަނިކޮށް މިސަރުކާރުން މަގު ހަދާނެކަން އިއްލާން ކުރިކަން އެނގުނީ ނޫސްތަކުން. ރައްޔިތުންގެ ބޭނުންވޭ މަގުގެ ޑިޒައިނަށް ބަދަލު ގެންނަން، މަގުގެ ފެން ހިންދާ ނިޒާމަށް ބަދަލު ގެންނަން، އެކަން އެގޮތަށް އޮއްވާ މި އަޑުއިވުނީ ޑިޒައިނަށް ބަދަލު ގެނެސް މަސައްކަތް ހަވާލު ކުރިވާހަކަ، ދެން ޕްލޭނިން މިނިސްޓްރީން ކައުންސިލަށް އެންގީ ރަސްމިއްޔާތު ބާއްވަން ތަން ތައްޔާރު ކުރުމަށް"

ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މަގުގެ ޑިޒައިނަށް ގެނައި ބަދަލެެއް ކައުންސިލާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"ކައުންސިލަށް ނޭގޭ އެއްވެސް މައުލޫމާތެއް، ރައީސް ސޯލިހު ވިދާޅުވެފައިވަނީ ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ރައްޔިތުންގެ މަޝްވަރާ އާއި އެކު ކުރިއަށް ގެންދިއުމަށް، އެކަމަކު އަދިވެސް މި ފެންނަނީ ފިނި ކޮޓަރީގައި ތިބެ ކަންކަން ނިންމާލައި، ރަސްމިއްޔާތު ބާއްވަން ކައުންސިލަށް އަންގާތަން، މީ ނޫން ރައްޔިތުން އެދޭ ގޮތަކީ، މިއީ ރައްޔިތުން ބަދަލު ކުރަން ވޯޓު ދިން ސަބަބަކީ"

ފަލާހު ވިދާޅުވީ މަގުގެ މައްސަލާގައި ހުރި ކަންބޮޑުވުން ޕްލޭނިން މިނިސްޓްރީ އާއި މަޝްވަރާ ކުރުމަށް ވަރަށް ގިނަ މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާކަމަށް ފަލާހު ވިދާޅުވިއެވެ.

"މި މައްސަލާގައި ޕްލޭނިން މިނިސްޓްރީ އާއި މަޝްވަރާ ކުރުމަށް ވަރަށް މަސައްކަތް ކުރެވިއްޖެ، އެކަން ކާމިޔާބުވާ ގޮތެއް ނުވޭ، އަޅުގަނޑުމެން ގުޅުމުން މިނިސްޓްރީތަކުން އެެއްވެސް އަހަމިއްޔަތު ކަމެއް ނުދޭ، ކިތަންމެ ފަހަރަކު ވެސް ގުޅިއްޖެ، އެކަމަކު ހަމަ އެއްވެސް ކުރިއެރުމެއް ނުލިބޭ"

ފަލާހު ވިދާޅުވިއެވެ.

ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މާޗު 27 ވަނަ ދުވަހުއެވެ. މި މަސައްކަތް ރަސްމީކޮށް ފެށުމަށް ބާއްވާ ރަސްމިއްޔާތު މިމަހުގެ 17 ވަނަ ދުވަހު ފުވައްމުލަކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ރަސްމިއްޔާތުގައި ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޓީސީސީ އާއި ސަރުކާެރުގެ އިސްވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއުގެ ދަށުން 24،00 ސްކުއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާ އެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމް ގާއިމް ކުރާނެ އެވެ. މި މަޝްރޫއުއަށް 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.