Last Updated: May 3, 17:06
Friday, May 3, 2024
ޚަބަރު

މޭ މަސް ޖެހެންދެން ހޫނުގަދަވާނެ ކަމަށް ލަފާ ކުރެވޭ: މެޓް

ކުރިޔަށް އޮތް ހަަފުތާގައި ވެސް ހޫނު ގަދަވާނެ ކަމަށާއި ބޯކޮށް ވާރޭ ވެހޭނީ މެއި މަހުގައި ކަމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރު (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިއީ ކޮންމެ އަހަރެއްގައި ވެސް އެންމެ ހޫނު ގަދަވާ ދުވަސްވަރު ކަމަށާއި އަދި ކުރިޔަށް އޮތް ދުވަސްތަކަށް ވެސް ލަފާ ކުރެވެނީ މި ހޫނު މިން ދެމި އޮންނާނެ ކަމަށެވެ.

މި ހަފްތާގެ ހުރިހާ ދުވަހެއްގައި ވެސް ހޫނު ގަދަވެ ފިނި ހޫނުމިން 30 އިން މަތީގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހޭނީ ހުޅަނގު މޫސުން ފެށޭ ދުވަސްވަރުގައި ކަމަށާއި އެއީ މެއި މަހު ދެވަނަ ހަފްތާގައި ކަމަށް މެޓް އޮފީހުގެ ޑިރެކްޓާ އޮފް މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު ވިދާޅުވި އެވެ.

މިއަދުގެ ފިނިހޫނު މިން ހުރީ 31 ޑިގްރީ ސެލްސިޔަސްގަ އެވެ.

ހޫނު ގަދަވުމާ ގުޅިގެން ފެނުގެ ޑިމާންޑު ބޮޑުވެ، މާލޭގެ ފިހާރަތަކުން ވަނީ ފެން ވިއްކުން ލިމިޓްކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖަންސީ އިން ވަަނީ ގަދަ ހޫނުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ފެނުގެ ދަތިކަމުން ސަލާމަތްވެ ވާރޭ ވެހުމަށް އެދި މާދަމާ މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.