Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

ސައިކަލު ވަށިގަނޑަށް ކުއްޖަކު ލައިގެން ދުއްވި މީހާގެ ލައިސެންސް ހިފަހައްޓައިފި

ކުޑަ ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން ދުއްވި ފުލުސް މީހާގެ ލައިސެންސް އެއް އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ.

މި މަހުގެ ތިން ވަނަ ދުވަހު މާލޭގެ ރިންގް ރޯޑުގައި ކުއްޖަކު ސައިކަލެއްގެ ވަށިގަނޑަށް ލައިގެން ދުއްވި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އެކަން ކުރި މީހާ އަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ.

ފުލުހުން ބުނީ އެކަން ކުރި މީހާއާ މެދު ފިޔަވަޅު އެޅީ އެއްގަމު ދަތުރުފަތުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ.

މީގެ އިތުރުން ތ. ތިމަރަފުށީގައި މިދިޔަ މާޗް 12 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ވޭން ދުއްވަން އިން ދިވެހި މީހާގެ ލައިސެންސް ވަނީ ދެ އަހަރު ދުވަހަށް ހިފަހައްޓާފައެވެ. އެ ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާ އަށް ރާއްޖޭން ބޭރުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.

ފުލުހުން ބުނީ މިދިޔަ ފެބްރުއަރީ މަހު ސިނަމާލޭ ބްރިޖް ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް އެކްސިޑެންޓުންވެއް ފުނޑުފުނޑުވި ހާދިސާއާ ގުޅިގެން އެ ކާރު ދުއްވި މީހާގެ ލައިސަންސް ވެސް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައިވާ ކަމަށެވެ.