Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ކޭބަލެއް ހަލާކުވެ އޭދަފުށީ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި އޮންނަތާ 4 ގަޑިއިރު!

އޭދަފުށީ ހުޅަނގު ސަރަހައްދުން ކަރަންޓު ކެނޑިފައި، ފޮޓޯ: އޭދަފުށީޓައިމްސް

ބ. އޭދަފުށީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާތާ ހަތަރު ގަޑިިއިރު ވެފައިވާ އިރު އެސަރަހައްދަށް ކަރަންޓުގެ ހިދްމަތް ލިބޭނެ އިރެއް ނޭނގޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ބ. އަތޮޅުގެ ހަބަރު ގެނެސްދޭ "އޭދަފުށީ ޓައިމްސް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަރަންޓު ކެނޑިފައިވަނީ ރަށުގެ ހުޅަނގު ސަރަހައްދުގެ ބޮޑު ބަޔަކުންނެވެ. މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ފެނަކަ އޭދަފުށީ އޮފީހުގެ އިސްވެރިންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާކަމަށް އެނޫހުން ރިޕޯޓުކޮށްފައިވެެއެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓު ކެނޑިފައިވަނީ އެސަރަހައްދަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަށް މައްސަލައެއް ދިމާވެގެންނެވެ. އެކަން ހައްލު ކުރުމުގެ މަސައްކަތް އޭދަފުށީ ފެނަކަ އޮފީހުގެ ޓެކްނީޝަނުން ދަނީ ކުރަމުންނެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން އޭދަފުށީ ފެނަކައިން އެެއްވެސް މައުލޫމާތެއް ނުދޭތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓު ލިބޭނެ އިރެއް ފެނަކައިން ހާމަ ނުކުރާތީއެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ އިންޖީނުތަކަށް މައްސަލަ ޖެހި ގިނަ އިރު ކަރަންޓު ކެނޑުން ވަނީ އާއްމުވެފައެވެ. މިކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުން އެދެވޭ ޖަވާބެއް ހިއްސާ ނުކުރެއެވެ.