Last Updated: April 18, 12:20
Thursday, April 18, 2024
ކުޅިވަރު

ރެޑްބުލް ވިނިންގ ފައިވް: އައްޑޫގެ ކޮލިފިކޭޝަން މިމަހުގެ 27 ގައި ބާއްވަން ނިންމައިފި

ރެޑްބުލް އިން އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ ފައިވް އަ ސައިޑް ފުޓްބޯލް މުބާރާތް ކަމަށްވާ "ރެޑްބުލް ވިނިން ފައިވް"ގެ އައްޑޫ ކޮލިފިކޭޝަން މިމަހުގެ 27 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ރެޑްބުލްއިން ފުރަތަމަ އައްޑޫ ކޮލިފިކޭޝަން ބާއްވަން ނިންމީ މިމަހުގެ 13ގައެވެ. ނަމަވެސް އެދުވަހު ކޮލިފިކޭޝަން ނުކުޅޭ ގޮތަށް ހަމަޖެއްސީ މި ވަގުތު ފޭދޫގައި ފުޓްސަލް މުބާރާތެއް ކުރިއަށްދާތީއެވެ.

އާންމުކޮށް ކުޅޭ ފުޓްބޯޅަ މުބާރާތަކަށް ވުރެ ތަފާތު ގަވައިދުތަކެއްގެ ދަށުން ކުޅޭ ރެޑްބުލް ވިނިން ފައިވް މުބާރާތުގެ ކޮލިފައިން މެޗުތައް މި މަހުގެ 11 ވަނަ ދުވަހުވަނީ ފަށާފައެވެ.

ކޮލިިފައިން މެޗުތައް މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ހއ.އިހަވަންދޫ އާއި ގދ.ތިނަދޫ އާއި ހއ.ހޯރަފުށި އާއި ހދ.ކުޅުދުއްފުށި އާއި ތ.ހިރިލަންދޫ އާއި ހދ.ހަނިމާދޫ އާއި ބ.އޭދަފުށި އިތުރުން ލ.ގަމު ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން އައްޑޫގެ ކޮލިފައިން މެޗުތައް އަންނަ ހޮނިހިރު ދުވަހު ފަށާއިރު، އެ މެޗުތައް ކުޅޭނީ އައްޑޫ ސްޓޭޑިއަމްގައެވެ.

މިއިން ކޮންމެ ރަށަކުންވެސް ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމް ކޮލިފައިވާނީ މާލޭގައި ބާއްވާ ފައިނަލް ބުރަށެވެ. ޗެމްޕިއަން ޓީމް ކަނޑައަޅާނީ މާލޭގައި ކުޅޭ ފައިނަލް ބުރުންނެވެ. ފައިނަލް ބުރު އޮންނާނީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާން އެދޭ ކޮންމެ ޓީމަކުން ވެސް ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހޭނެއެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން އޮންލައިންކޮށް ފޯމެއް ފުރާލުމަށްފަހު (https://redbull.jotform.com/90732780222857#open) ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 7591862 އަދި 7773310 ނަމްބަރަށް ގުޅާލުމުން ލިބޭނެއެވެ.

ރެޑްބުލް ވިނިން ފައިވް އަކީ ފައިވް އޮން ފައިވް ފުޓުބޯޅަ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ޓީމެއްގައި ވެސް ފަސް ކުޅުންތެރިން ހިމެނުނުއިރު، ގޯލްކީޕަރެއް ނުހުރެއެވެ. މި މުބާރާތުގެ ގަވައިދުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޓީމަކުން ލަނޑެއް ޖަހައިފި ނަމަ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް މަދުވުމެވެ. ދިހަ މިނިޓަށް ކުޅޭ މެޗެއްގައި ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ، 10 މިނިޓު ހަމަވުމުގެ ކުރިން ވެސް މެޗު ނިމިދާނެ އެވެ. އަދި ދެ ޓީމު އެއްވަރުވެއްޖެ ނަމަ، މެޗުގެ ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.