Last Updated: September 18, 22:21
Thursday, September 19, 2019
ރިޕޯޓް

ރައީސް ސޯލިހުގެ ސަރުކާރަށް ފަސް މަސް: އައްޑޫ ސިއްހީ ނިޒާމަށް އެއްވެސް ބަދަލެއް ނާދޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލ؛ިހުގެ ވެރިކަމަށް 5 މަސް ފުރޭއިރު އާބާދީ ބޮޑު އައްޑޫގެ ސިއްހީ ނިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ނުކުރެވޭއިރު މި ވެރިކަމުގެ ފުރަތަމަ ފަސް މަސް ދުވަހު ހޮސްޕިޓަލް ހިންގުމަށް އެެއްވެސް ބަދަލެއް ގެނެސްފައި ނުވެއެވެ. ތަނުގެ ހިންގުން މިވަނީ ބޮއްސުންލާފައެވެ. ހިތަދޫ ހޮސްޕިޓަލަށް ބަލާއިރު ފާއިތުވި ދެ އަހަރު އެ ހޮސްޕިޓަލަށް ސަރުކާރުން އެއްވެސް ހޭދައެއް ކޮށްފައި ނުވެއެވެ.

ކޮންވެންޝަން ސެންޓަރު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށި ހިސާބުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން އެއްވެސް ހާއްސަ ކަމެއް ނުދެއެވެ. ތަނުގެ މަރާމާތަށް އެއްވެސް ހޭދައެއް ނުކުރެއެވެ. ވަޒީފާއިން ކެނޑޭ މުވައްޒަފަކަށް މުވައްޒަފަކު ނުލިބިއެވެ. ތަން ދުވަހުން ދުވަހަށް ދިޔައީ ފެންވަރު ދަށްވަމުންނެވެ. މިއަދު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ އެެއްވެސް ވަސީލަތެއް ނެތް ހުސް އިމާރާތެކެވެ.

އާ ސަރުކާރާއި އެކު ރައްޔިތުންގެ އުއްމީދު ބޮޑު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގަތީ އައްޑޫން 70 ޕަސެންޓަށް ވުރެ ބޮޑު އައުލަބިއްޔަތަކާއިއެކުއެވެ. މުޅި ރާއްޖެއަށް ބަލާއިރުވެސް އެންމެ ބޮޑު އައުލަބިއްޔަތެއް ރައީސް ސޯލިހަށް ދިނީ އައްޑޫންނެވެ. އައްޑޫ ރައްޔިތުން ބޭނުންވީ ހަރުދަނާ ސިއްހީ ނިޒާމެކެވެ. އިނގިލީގެ ކުރިން ތަން ކޮޅެއް ކެނޑުނަސް މާލެ ދާން ޖެހޭ އުސޫލަށް ބަދަލު އައިސް ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ހިދްމަތެއް ހޯދުމަށެއެވެ.

ރައިސް ނަޝީދު އައްޑޫގައި ބިނާ ކުރި ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލުމަށް ފަހު އެތަނުގައި ޓާޝަރީ ހޮސްޕިޓަލެއް ހެދުމަށް ނިންމުމުން އެއްބަޔަކު ހިތްހަމަ ނުޖެހުނަސް ސިއްހީ ހިދްމަތް ބޭނުންވާލެއް ބޮޑު ކަމުން އެންމެންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް އެ ހޮސްޕިޓަލުން ހިދްމަތް ލިބުމެވެ. ނަމަވެސް އެ ހޮސްޕިޓަލުން ހިދްމަތް ދޭން ފެށޭނެ ދުވަހެއް މި ސަރުކާރަށް އަދި ބުނަން ނޭގެއެވެ.

އާ ހޮސްޕިޓަލަށް ބޭނުންވާ ސާމާން ހޯދުމަށް ބަޔަކާއި ހަވާލުކޮށް މިހާރު ވަނީ އެގްރިމެންޓު ކުރެވިފައެވެ. ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި އާ ހޮސްޕިޓަކަށް ބޭނުންވާ ސާމާން ގެނެސް އެތަނުގައި ތަރުތީބު ކުރަން ޖެހެއެވެ.

މި މަސައްކަތް ކުރިއަށްދާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހިދްމަތްވެސް ރަނގަޅުވުމަށް ރައްޔިތުން ތިބީ އެދިއެދިއެވެ. ތަނުގެ ހިންގުން ހަރުދަނާ ކުރެވި ރަނގަޅު ސިއްހީ ހިދްމަތް މިހާރުން މިހާރަށް ލިބެން ޖެހެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ބޮޑެތި މައްސަލަތަކެެއް!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަލާއިރު އެތަނުގައި ނެތް މައްސަލައެއް ނެތެވެ. ތަނުގެ މެނޭޖްމަންޓުން ފެށިގެން ގޮސް ހުރިހާ ކަމެއްގައި ހުރީ ބޮޑެތި މައްސަލަތަކެވެ.

ސިއްހީ ހިދްމަތަށް ބޭނުންވާ ވަރަށް އާދައިގެ ސާމާން ހޮސްޕިޓަލްގައި ނެތެވެ. އެންމެ ކުޑަމިނުން ހޮސްޕިޓަލުގެ އެނދުތަކުގައި އަޅާނެ ބެޑްޝީޓެއް ނެތެވެ. ތިބީ ކުލަވެއްޓި ލޯވަޅުއެޅި ވީދިފައިވާ އެތައް އަހަރެއް ވެފައިވާ ބެޑްޝީޓުތަކެވެ. ނަރުހުންގެ ސްޓޭޝަންތަކަށް ބޭނުންވާ އާދައިގެ ސާމާން ނެތެވެ. މިކަންކަން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެވުނު ނަމަވެސް ހައްލެއް ނުލިބެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުން ބުނާ ގޮތުން އެތަނުގައި މެނޭޖްމަންޓެއް ނޯވެއެވެ. ވެރިއަކަށް ސަރުކާެރުން މީހަކު ހަމަޖައްސާފައި ހުއްޓަސް އެއީ ހިންގުމުގެ އެއްވެސް ބާރެއް ނެތް ހުސް "ބޮލެކެވެ". އެމީހަކީ ހެލްތު މިނިސްޓްރީގެ ވެެެރިން އަންގާ އެންގުން ތަންފީޒު ކުރުމަށް ބަހައްޓާފައި ހުންނަ މީހެކެވެ.

ހޮސްޕިޓަލްގައި ޑޮކްޓަރުންގެ ދަތިކަންވެސް އިންތިހާއަށް ބޮޑެވެ. ހާއްސަކޮށް އެކްސިޑެންޓް ގިނަ އައްޑޫގައި ކަށީގެ ޑޮކްޓަރަކު ނެތްތާ ހަ މަސްވަނީ އެވެ. ހޮސްޕިޓަލްގައި ފާއިތުވި ހަތް އަހަރު ހިދްމަތް ކުރި ލޮލުގެ ޑޮކްޓަރު އިސްތިއުފާ ދިނުމަށްފަހު ރާއްޖެ ދޫކޮށް ގޮސްފިއެވެ. އޭގެ ފަހުން ލޮލުގެ ޑޮކްޓަރަކު ހޮސްޕިޓަލަށް ނުގެނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެންމެންގެ ލޯތްބާއި އިހްތިރާމާއި އެކު ހިދްމަތް ދެމުން ދިޔަ އަންހެނުންގެ ހާއްސަ ޑޮކްޓަރު އިސްތިއުފާ ދިނުމަށްފަހު އަމިއްލަ ކުލިނިކަކަށް ބަދަލުވެއްޖެއެވެ.

ހިތަދޫ ހޮސްޕިޓަލްގައި މަަސައްކަތް ކުުރައްވާ ޑޮކްޓަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ބަލިމީހުންނަށް ހިދްމަތް ދޭން ބޭނުންވާ ވަސީލަތް ނުލިބުމުގެ ޝަކުވާއެވެ. ލޮލުގެ ޑޮކްޓަރު އިސްތިއުފާ ދެއްވީ ފާއިތުވި ހަތް އަހަރު ޑޮކްޓަރ ބަލިމީހުން ބަލަން ބޭނުންވާ ބައެއް ސާމާން ހޯދައި ދިނުމަށް އެދިއެދި އެކަން ފުރިހަމަ ނުކުރެވިގެން އެ ކަންބޮޑުވުމާއި އެކުއެވެ.

ހިތަދޫ ހޮސްޕިޓަލްގެ ޑެންޓަލް ކުލިނިކްގައި ދެ ޑޮކްޓަރުން މަސައްކަތް ކުރައްވާއިރު އެ ދެ ޑޮކްޓަރުންނަށް ދެވޭ ހަމައެކަނި ފަރުވާއަކީ ދަތުގެ މައްސަލައެއްގައި އަންނަ މީހެއްގެ ދަތް ބަލާލުން އެކަންޏެވެ. ޑެންޓަލް ގޮޑިއެއް ހުއްޓަސް ދެން ބޭނުންވާ ކޮންސިއުމަބުލްސް ހޮސްޕިޓަލުގައި ނެތްތާ 5 އަހަރުވަނީއެވެ. އެކަން ހެލްތު މިނިސްޓްރީއަށް އެތައް ފަހަރަކު އެންގިއްޖެއެވެ. ބަދަލެއް ނާދެއެވެ.

އައްޑޫގެ ސިއްޙީ މަރުކަޒުތަކަށް ވެސް ބަދަލެއް ނުގެނޭ!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ރަށްތަކުގައި ގާއިމްކޮށްފައިވާ ސިއްހީ މަރުކަޒުތަކަށްވެސް މި ސަރުކާރު އައި ފަހުން ބަދަލެއް ގެނެސްފައި ނުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު މިހާތަނަށް ދެ ފަހަރެއްގެ މަތިން އައްޑޫއަށް ވަނީ ވަޑަައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިން ރަސްމީކޮށް ފެއްޓެވުމަށް ރައީސް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ސިއްހީ ދާއިރާތަކަށް ވަޑައިގެން އެތަނުގެ މައުލޫމާތު ވަނީ ހޯއްދަވާފައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި ޑެޕިއުޓީ މިނިސްޓަރ ޝާހު މާހިރުވަނީ އައްޑޫއަށް ޒިޔާރަތްކޮށް ސިއްހީ މުވައްސަސާތަކަށް ވަޑައިގެންފައެވެ. އަދި އެތަން ތަނުގެ ހުރި މައްސަލަތައް އޮޅުންފިލުވާފައެވެ. އޭގެ ފަހުން މިހާތަނަށް މިއިން އެއްވެސް ތަނެއްގެ ހިދްމަތުގެ ފެންވަރު ރަނގަޅުވީތަނެއް ނުފެނެއެވެ.

ސިއްހީ ނިޒާމު ރަނގަޅު ކުރެވޭނީ ހެލްތު މިނިސްޓްރީ "އޯވާހޯލް" ކޮށްގެން

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ސޯލިހަށް ކުރިމަތިވެފައިވާ ގޮންޖެހުން ވަރަށް ބޮޑެވެ. މުޅި ރާއްޖޭގެ ސިއްހީ ނިޒާމް މިވަނީ ބޮއްސުން ލާފައެވެ. ކަރަޕްޝަންގެ މޫތައް އެންމެ ބޮޑަށް ފެތުރިފައިވާ އެއްތަނަކީ ހެލްތު މިނިސްޓްރީއެވެ. އެތަނުގެ ވެރިންގެ ގޮތުގައި ތިބި މީހުން ބަދަލު ނުކުރެވި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ނުކުރެވޭނެއެވެ.

ހެލްތު މިނިސްޓްރީގައި މީގެ ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ބުނީ ހެލްތު މިނިސްޓަރު އެކަނި ބަދަލު ކޮށްގެން ހެލްތު މިނިސްޓްރީ ރަނގަޅު ނުވާނެކަމަށެވެ.

"އަބަދުވެސް މިވާގޮތަކީ ބަދަލުވަނީ މިނިސްޓަރ، ދެން މިތިބެނީ ހަމަ ތިބި މީހުން، އެމީހުން މިތިބެނީ މުޅި މިނިސްޓްރީ ހިސޯރުކޮށްގެން، އެމީހުންގެ ދަށުން ކަންކަން ރޭވިފައި މި އޮންނަނީ، އެކަމަށް ބަދަލު ނުގެނެވި ސިއްހީ ނިޒާމް ހަރުދަނާ ނުކުރެވޭނެ"

އޭނާގެ ނަޒަރުގައި ރަނގަޅު ސިއްހީ ނިޒާމެއް ރައީސް ސޯލިހަށް ގާއިމް ކުރެވޭނީ މަޖްލިސްގެ މި ލިބުނު އައުލަބިއްޔަތާއި އެކު ހަރުދަނާ ނިންމުންތައް ނިންމައިގެންނެވެ. ސިވިލް ސާވިސް ތެރެއިން ބަދަލުތަކެއް ގެނެސް ގެންނެވެ. މުޅި މިނިސްޓްރީ ތެރޭގައި ހުރި މައްސަލަތައް ބަލައި އެކަންކަމަށް ފިޔަވަޅު އެޅިގެންނެވެ.

މީގެ އިތުރުން މިހާރު ހެލްތު މިނިސްޓްރީން އަތޮޅު ތަކުގެ ހޮސްޕިޓަލްތައް ކޮންޓްރޯލް ކުރާ ކުރުން އެ ހޮސްޕިޓަލްތަކަށް ދޫކޮށްލައިގެންނެވެ. ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާން ހެލްތު މިނިސްޓްރީތެރެއިން ކޮންޓްރޯލް ކުރުން ހުއްޓާލައި، ހަރުދަނާ ނިޒާމެއް ގާއިމް ކުރެވިގެންނެވެ. އެނޫން ގޮތަކަށް ހެލްތު މިނިސްޓްރީ އާއި ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ނުކުރެވޭނެއެވެ.

މިކަންކަން ނުކުރެެއްވިއްޖެނަމަ ރައީސް ސޯލިހު ވެގެންދާނީ މަޖްލިސް އައުލަބިއްޔަތު ލިބި ރަނގަޅު ވެެރިކަމެއް ނުކުރެވުނު ފުރަތަމަ ރައީސަށެވެ. މިއީ އެމަނިކުފާނަށް އިތުބާރު ކުރެއްވި އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ގޮތެއް ނޫނެވެ.