Last Updated: July 1, 09:43
Wednesday, July 1, 2026
ވިޔަފާރި

މިފްކޯ އައިސް ޕްލާންޓް އަލުން އޮޕަރޭޓް ކުރަނީ

މިފްކޯއިން އައްޑޫގައި ހަދާފައިވާ އައިސް ޕްލާންޓް. ފޮޓޯ: އަޒީމް

މިފްކޯ އިން ހިތަދޫ ބަނދަރު ސަރަހައްދުގައި ހަދާފައިވާ އައިސް ޕްލާންޓް އަލުން އޮޕަރޭޓް ކުރުމާ ބެހޭ ގޮތުން އެކުންފުންޏާ ވާހަކަ ދައްކަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ގަމުގެ ވައިގެ ބަނދަރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން މިނިސްޓަރ ޝަފީއު ވިދާޅުވީ 2007 ވަނަ އެތަން އޮޕަރޭޓް ކޮށްފައި ނުވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ މިނިސްޓްރީން މިފްކޯއާއި އެކު ވާހަކަ ދައްކަމުން އަންނަނީ އައްޑޫއަށް އިތުރަށް އެކުންފުނިން އިންވެސްޓް ކުރުމަށް ކަމަށެވެ.

"އެ ބޭފުޅުންނަށް އައިސް ވިއްކުމުގައި ވިޔަފާރީގެ ގޮތުން އެތަން އޮޕަރޭޓް ކުރުމުގައި ހުރި ދަތިތަކަށް ބަލާފައި އެ ބޭފުޅުން ވެސް ޕްލޭންތަކެއް ކުރައްވައިގެން ގެންގުޅުއްވަނީ އެތަނުގައި ވެސް އިތުރަށް ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށް ކުރިއަށް ގެންދަން. އެކަމާ ބެހޭ މަޝްވަރާތައް މިފްކޯއާ އެކު ކުރިއަށް އެބަ ދޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ވުމުން އެހެން ކުންފުނިތަކުންވެސް އައްޑޫއަށް އިންވެސްޓް ކުރާނެކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި އިންވެސްޓްމެންޓް އަންނާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

މިފްކޯގެ އައިސް ޕްލާންޓް އޮޕަރޭޓް ކުރުމުގެ މަޝްވަރާ ކުރަމުންދާއިރު ކޫއްޑޫ ފިޝަރީޒްއިން 100 ޓަނު އައިސް ޕްލާންޓެއް އައްޑޫގައި ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.