Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ވިއްސާރައިގެ ނިޝާންތަކާއެކު ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

photo: Raajje mv

ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ މަރުކަޒު، މެޓުން މިއަދު ބުނެފި އެވެ.

މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ރޭ ވަނީ މާލެއަށް ވެސް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހިފަ އެވެ.

ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިއީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިހާރު ރާއްޖެ ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަަމަށް ވާ އައްސިދައިގެ ދުވަސްތަކެވެ.

"މިއީ އަދި ހުޅަނގު މޫސުމުގެ ވިއްްސާރައެއް ނޫން. ހުޅަނގު މޫސުން ފެށޭނީ މޭމަހުގެ މެދު ތެރޭގައި، މިއީ ދެ މޫސުން ބެދޭ ވިއްސާރަ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރި ނަމަވެސް ކަނޑު ދަތުރު ފަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަވާނެ ކަމަކަށް ނުބެލެވެ އެވެ.

މުޅި ރާއްޖެއަށް ވެސް ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރަނީ ގަޑިއަކު ފަސް މެއިލާއި 15 މެއިލާ ދެމެދުގެ ބާރު މިނެއްގަ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވާތީ ހުރިހާ ރަށެއްގައި އިއްޔެ ވަނީ އިސްތިސްގާ ނަމާދު ވެސް ކޮށްފަ އެވެ. މިއީ ވާރޭ ނުވެހި ފެނަށް ޖެހުމުން ވާރޭ ވެއްސަވާތޯ ﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމަށް ކުރާ ސުންނަތް ނަމާދެކެވެ.