Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ގޭގައި މަޑުކުރަން ރައީސުލް ޖުމުހޫރިއްޔާ އެންގެވި އެންގެވުން އަނބުރާ ގެނެސް ސަސްޕެންޝަން އުވާލައިފިއެވެ.

އޭސީސީން މަހްލޫފްގެ މައްސަލަ ބަލަން ފެށީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގީ ރިޕޯޓުގައި ޑޮލަރުގެ މުއާމަލާތެއް މަހްލޫފްގެ އަމިއްލަ ނަމުގައި ހިނގާފައިވުމާ ގުޅިގެން، އޭނާ އަމިއްލައަށް އެ މައްސަލަ ބަލައިދިނުމަށް އެދުމުންނެވެ.

މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭސީސީއާއި ފުލުހުން ވެސް އޭނާގެ މައްސަލަ ބެލުމަށް ފަހު އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމާފައި ކަމަށެވެ. އަދި ރައީސުލް ޖުމުހޫރިއްޔާ އަލުން އެމަނިކުފާނަށް އިތުބާރު ކުރައްވައި މަސައްކަތަށް ނިކުންނެވުމުގެ ފުރުސަތު ދެއްވީތީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މަހްލޫފް ކުރިން ވިދާޅުވީ، އޭނާ ސީދާ ގޮތުން އެސްއޯއެފާ ޑޮލަރުގެ މުއާމަލާތެއް ނުހިންގާ ކަމަށާއި، އާއިލީ މެމްބަރުން ހުޅުވި ފިހާރައަކަށް މުދާ ގަތުމަށް ޑޮލަރު ގަނެފައިވާނެ ކަމަށެވެ. އަދި އޭނާ ވަނީ ކުރެވުނު މުއާމަލާތުގެ ރަސީދެއްވެސް އާންމުކޮށްފައެވެ.

ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ސިޔާސަތެއް މިސަރުކާރުގައި ގެންގުޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ފެބްރުއަރީ 14 ވަނަ ދުވަހު މަހްލޫފްގެ އިތުރުންވެސް ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި، ރިޕޯޓުގައި ޝާމިލްވާ ބޭފުޅުން ގޭގައި މަޑުކުރަން އަންގަވާފައެވެ.

މަހްލޫފް މަގާމުން ވަގުތީގޮތުން ދުރުކުރުމުން ޔޫތް މިނިސްޓްރީ ހަވާލުކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއެވެ.

އޭސީސީން ވަނީ މަހްލޫފްގެ މައްސަލަ ބަލައި ރައީސް ސޯލިހަށް ރިޕޯޓެއް ހުށައަޅާފައެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި އޭސީސީން ވެސް، ރައީސް އޮފީހުންވެސް މީޑިޔާއަށް ހާމައެއް ނުކުރެއެވެ.

އިތުރު ތަފްސީލު އަންނަނީ..