Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ހައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދޭން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށާއި ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 28 ގެ ނިޔަލަށް ކަމަށެވެ. ޕްރޮޕޯޒަލްގެ ފީ އަކީ 10،000ރ. އެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދެނީ ވަކި ޝަރުތުތަކަކަށް ބެލުމަށްފަހުއެވެ.

އޭގެ ތެރެއިން އެއް ކަމަކީ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމެވެ. އަދި ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމަކީ ވެސް ޝަރުތެކެވެ.

ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސަރުކާރުން ދެނީ އެއް އަހަރަށެވެ.