Last Updated: May 14, 06:57
Wednesday, May 14, 2025
ޚަބަރު

ފަނޑިޔާރުންގެ މުސާރައާ މެދު ގޮތެއް ނިންމުން އާ މަޖިލީހަށް

ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމުން އާ މަޖިލީހަށް ދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މާލިއްޔަތު ކޮމިޓީއަށް މި ހުށަހެޅުން ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ. މި ހުށަހެޅުން ފާސްވެފައިވަނީ ކޮމެޓީއަށް ހާޒިރުވެ ވަޑައިގަތް އަށް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ޖޭއެސްސީން މަޖިލީހަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮގަަސްޓު މަހުގެ ތެރޭގައެވެ. އެ ސިޓީގައި ބުނެފައިވަނީ މިހާރު ފަނޑިޔާރުންނަށް ދޭ މުސާރަތަކަކީ، މިހާރުގެ ދިރިއުޅުމުގެ ހަރަދުތަކާއި އެބޭފުޅުންގެ މަސްއޫލިއްޔާތުތަކާ އަޅައިބަލާއިރު އެކަށީގެންވާ ވަރަށްވުރެ ކުޑަ މުސާރައެއް ކަމަށެވެ.

ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް މަޖިލިހުން އެންމެފަހުން ފާސްކުރީ ޑިސެމްބަރު 2010 ވަނަ އަހަރުގެ ތެރޭގައެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާނީ މުސާރަ އާއި އިނާޔަތާއެކު 71،000 ރުފިޔާއެވެ. އެންމެ ކުޑަ މުސާރައެއް ފަނޑިޔާރުންގެ ތެރެއިން ލިބިލައްވަނީ މެޖިސްޓްރޭޓަރުންނަށެވެ. އެއީ 23،450 ރުފިޔާއެވެ.