Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

މައުމޫން، ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

މައުމޫން އާއި ރައީސް ސޯލިހު - ފޮޓޯ: މައުމޫން / ޓްވިޓާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމަށްފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ކޯލިޝަނުގެ ބަދަހިކަން ދެމެހެއްޓުމަށް ރައީސް ސޯލިހު ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ހުރިހާ ކަންތައްތަކުގައި ދެ ފަރާތުގެ މެދުގައި އެއްގޮތް ހިޔާލުތަކެއް ހުރުމުން އެކަމާ އުފާކުރައްވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މިއީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު މައުމޫން ރައީސް ސޯލިހާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެެ. މައުމޫން އަކީ މިހާރު އުފެދިފައިވާ ކޯލިޝަން ދެމެހެއްޓުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް ލީޑަރުވެސް މެއެވެ.

މަޖިލިސް އިންތިހާބުގެ ގޮނޑިތަށް ބެހުމުގެ މައްސަލާގައި ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ހިޔާލު ވަރަށް ބޮޑަށް ތަފާތުވެ ދެ ޕާޓީގެ އިސްވެރިންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ރައްދުކޮށްފައިވެއެވެ.

އަދި އެންމެފަހުން މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއާ ގުޅިގެންނެވެ. ނަމަވެސް އިންތިހާބުގައި ޖޭޕީ އަށް ކާމިޔާބު ކުރެވުނީ އެންމެ ފަސް ގޮނޑިއެވެ. އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ މެޖޯރިޓީ ހޯދާފައެވެ.