Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

މުޅި ޕީޕީއެމް ރީފޯމް ވާންޖެހޭ: އަލީ ނިޒާރު

މުޅި ޕީޕީއެމް ރީފޯމް ވާންޖެހޭ ކަމަށާއި ޒުވާން ލީޑަރުން ފެންނަންޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ، ޕީޕީއެމް ދަރަނިވެރިވެ ފޯނުބިލުތައް ވެސް ނުދެއްކުނު ކަމަށް ދިވެހި އޮންލައިން ނޫހެއް ކަމަށްވާ "މިހާރު"ގައި ލިޔެފައިވާ ޚަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

"ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގޭނީ ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކޮށްގެން. އަމިއްލައަށް ކުށްވެރިންކަމަށް ހީވާހާލު ތިބެގެން ޕާޓީ ނުހިންގޭނެ. މުޅި ޕީޕީއެމް ރީފޯމްވާންޖެހޭ. ޒުވާން ލީޑަރުން ފެންނަންޖެހޭ." ނިޒާރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑަޝިޕުން ފެއިލްވި ހުރިހާ އެންމެން ދުރަށްދާންޖެހޭ ކަމަށާއި އަދި ލީޑަޝިޕަކަށް ޖާގަދޭންޖެހޭ ކަމަށް ދާދިފަހުން އެ ޕާޓީގެ މެމްބަރު އަހުމަދު ނިހާން ވެސް ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމް އަކީ ވަރަށް ކުރު މުއްދަތެއްގައި ރާއްޖޭގެ ވެރިކަމާއި ހަމައަށް ދަތުރުކުރި ޕާޓީއެއް ކަމަށާއި، ޕާޓީ މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީއެއްގެ ހައްގުވެރި ފަރާތަކީ އާއްމު މެމްބަރުން ކަމަށްވެސް ނިހާންވަނީ ވިދާޅުވެފައިވެއެވެ.