އިންޓަނެޝަނަލް ޕޮލިސް "އިންޓަޕޯލް" ގެ ޓްރެވަލް ޑޮކިއުމަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް އަށާއި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އަށް އަރުވައިފިއެވެ.
މި ދެ ބޭފުޅުންނަށް ލިޔުން ޙަވާލުކޮށް ދެއްވާފައި ވަނީ އިއްޔެ ސަން އައިލޭންޑް ރިސޯޓް އެންޑް ސްޕާގައި ފެށިގެން ކުރިއަށްދާ އިންޓަޕޯލް ގެ 12 ވަނަ އޭޝިއަން ކޮންޓެކްޓް އޮފިސަރުންގެ ބައްދަލުވުމާއި 8 ވަނަ މެދު އިރުމަތި އަދި އުތުރު އެފްރިކާގެ ކޮންޓެކްޓް އޮފިސަރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގަ އެވެ.
އިންޓަޕޯލްގެ ޓްރެވަލް ޑޮކިއުމަންޓުގެ ސަބަބުން އިންޓަޕޯލްގައި ހިމެނޭ ޤައުމުތަކަށް ދަތުރުކުރުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ އެވެ. އެގޮތުން އެ ޤައުމުތަކަށް އެރުމަށް ބޭނުންވާ ވިސާ އިންޓަޕޯލް ޑޮކިއުމަންޓް އޮންނަ ފަރާތްތަކަށް ހައްދާކަށް ނުޖެހޭނެ އެވެ.
މިއީ ދިވެހި ފުލުހަކަށް އިންޓަޕޯލް ޓްރެވަލް ޑޮކިއުމަންޓް ލިބުނު ފުރަތަމަ ފަހަރެވެ.