Last Updated: June 10, 06:03
Wednesday, June 10, 2026
ވިޔަފާރި

ގަމުން ލަންކާ އަށް ދެކުނުގެ އަނެއް ތިން އަތޮޅާ އެކު!

ގަމާއި ލަންކާ އާ ދެމެދު ދަތުރު ކުރުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓަރު (ވ) މޯލްޑިވިއަން އާ ހަވާލު ކުރަނީ.

ސ. ގަމާއި ސްރީ ލަންކާގެ ކޮލޮމްބޯ އާ ދެމެދު ދަތުރުތައް ކުރާނީ ދެކުނުގެ އަނެއް ތިން އަތޮޅުގެ ރައްޔިތުންނަށް ވެސް ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިގެން ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފި އެވެ.

އައިލެންޑ އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މެނެޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ އޮގަސްޓް 7 ގައި ދަތުރުތައް ފެށުމަށް ޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

އޭގެ ތެރޭގައި ލަންކާ އަށް ދަތުރު ފަށާއިރު ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމާއި ދަތުރުތައް ރޫޓްކުރާނެ ގޮތްތަކާއި އަގުތައް ކަނޑައެޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމައެކަނި ވިސްނުމަކީ އައްޑޫ މީހުން ގޮވައިގެން ދަތުރު ކުރުމެއް ނޫން ކަމަށާއި އޭގެ އިތުރަށް ކާޑެއްދު އާއި ކޫއްޑު އާއި ފުވައްމުލަކަށް ވެސް ކަނެކްޝަން ދީގެން ދަތުރުތައް ކުރަން ވިސްނާފައިވާ ކަމަށެވެ.
އެގޮތުން ވީހާ ވެސް ރަނގަޅު އަގުތަކެއްގައި ކޮލޮމްބޯ އަށް ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން މޯލްޑިވިއަނުން ވަނީ ނިންމާފަ އެވެ.

އައިއޭސް އިން ބުނީ ގަމާއި ކޮލަމްބޯ އާ ދެމެދު ސީދާ ދަތުރުތައް ފަށާ އިރު، ދެކުނުގައި މިހާރަށް ވުރެ ބޮޑަށް ޓޫރިޒަމް ވެސް ފުޅާވާން ޖެހޭ ކަމަށެވެ. އެގޮތުން ހެރަތެރަ ރިސޯޓް ބަރާބަރަށް އޮޕަރޭޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ ކާމިޔާބުކަމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ގަމަށް އިންޓަނެޝަނަލް އޮޕަރޭޝަންތައް މޯލްޑިވިއަނުން ކުރާއިރު، ޓޫރިަމް ދާއިރާ އާއި ވިޔަފާވެރިންނާއި އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ ގަމާއި ލަންކާއާ ދެމެދު ދަތުރުތައް ބޭއްވުމުގެ އިތުރަށް ސިންގަޕޫރާއި މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކަށް ވެސް ގަމުން ދަތުރުތައް ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް އެ ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ ފަރާތްތަކާ އެކު އިންޓަލައިން ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަން އަށް ގަމުން ލަންކާ އަށް ދަތުރުތައް ކުރުމުގެ ހުއްދަ ދިނީ އާދީއްތަ ދުވަހު އެެވެ.