Last Updated: April 20, 17:01
Saturday, April 20, 2024
ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތައް ކައުންޓަރ ޓެރެރިޒަމަށް ހޭލުންތެރި ކުރަނީ

ފޮޓޯ- ޕޮލިސް

ޔޫކޭގެ އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ ޕްރޮޖެކްޓްގެ ދަށުން ދިވެހި ފުލުހުންނާއި ޖަކާޓާގެ ސެންޓަރ ފޮރ ލޯއެންފޯސްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ތިންވަނަ ކައުންޓަރ ޓެރަރިޒަމް އެވެއަރނެސް ވޯކްޝޮޕް ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފަންޓަވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ބައެއް ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށްކަން ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ސިނާއަތަށް މިފަދަކަމެއް ކުރިމަތިވެއްޖެނަމަ އެކަމުގެ އަސަރު މުޅިރާއްޖެއަށް ކުރާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދިވެހިރައްޖެއަކީ އަމާންތަނަކަށް ހެދުމަށްޓަކައި ކައުންޓަރ ޓެރަރިޒަމްއާއި ދެކޮޅަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއްކޮށް އެފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ބައިނަލްއަޤްވާނީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަންޖޭކަމަށް ވިދާޅުވިއެވެ.

ވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި، އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ މޯލްޑިވްސް ގެ ޕްރޮގްރާމް ކޯޑިނޭޓަރ ސީން ކެލީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ހޮޓާތަކުގައި މަސައްކަތްކުރާ 34 ފަރާތަކުން ބައިވެރިވެފައިވެއެވެ.

އެއް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ޓެރަރިޒަމްގެ ހާދިސާއެއް ދިމާވެއްޖެ ނަމަ ޓޫރިޒަމް ދާއިރާގައި ސެކިއުރިޓީ މަސައްކަތްކުރައްވާ ފަރާތްތަކަށް އެޅިދާނެ ފިޔަވަޅުތަކާއި، އެކަމާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމާއި، އެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމުގެ މަޤުޞަދުގައި ބައްދަލުވުމެވެ.