Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޗުއްޓީ ހޭދަކޮށްލައްވަން މައުމޫން ލަންކާ އަށް 

ޗުއްޓީ ހޭދަކޮށްލައްވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސްރީލަންކާ އަށް ވަޑައިގަންނަވައިފިއެވެ.

މައުމޫން އާއެކު މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ބައިވެރިވެ ވަަޑައިގަންނަވައެވެ. މައުމޫންގެ ދެކަނބަލުން ލަންކާ އަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

ޗުއްޓީ އަށް މައުމޫން ލަންކާ އަށް މިރޭ ވަޑައިގެންނެވިއިރު، އެމަނިކުފާނު ވެސް ވަނީ މި މަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގެ ކަންކަމުގައި ބުރަކޮށް އުޅުއްވާފައެވެ.

ލަންކާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން މައުމޫން އިއްޔެގެ ވަގުތެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު މައުމޫން ވިދާޅުވީ މަޝްވަރާކުރެއްވި ހުރިހާ ކަމަކާ ބެހޭ ގޮތުން ވެސް އެއްބަސްވެވޭ ކަމަށާއި އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ.

އަދި މިހާރު އުފެދިފައިވާ ކޯލިޝަން ދެމެހެއްޓުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މައުމޫންގެ އިތުރުން ކެމްޕޭންގައި ބުރަކޮށް އުޅުއްވުމަށްފަހު ޗުއްޓީ އަށް ކުރީގެ ރައީސް މައުމޫން ނަޝީދު ވެސް ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާފައެވެ. ނަޝީދު ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ.