Last Updated: April 25, 16:55
Thursday, April 25, 2024
ޚަބަރު

ބޮޑު ޚިޔާނާތުގެ ހުރިހާ ބައިވެރިންނަށް ވެސް ފިޔަވަޅު އެޅެންޖެހޭ: ޝެއިޚް ޒައިދު

ބޮޑު ޚިޔާނާތުގެ ހުރިހާ ބައިވެރިންނަށް ވެސް ފިޔަވަޅު އެޅެންޖެހޭ ކަމަށާއި ހައްގު އަދަބު ދެވެންޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ އެ ބޭފުޅާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ބޮޑު ޚިޔާނާތުގެ ހުރިހާ ބައިވެރިންނަށް ވެސް ފިޔަވަޅު އެޅެންޖެހޭ! ހައްގު އަދަބު ދެވެންޖެހޭ! އެމީހުން ވަނީ ދައުލަތް ލޫޓުވާލި ކަމަށް އެއްބަސް ވެފައި. ވީމާ ލޫޓުވަން އަމުރުކުރި ފަރާތްތަކާއި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެގެން އުޅުނު ހުރިހާ ފަރާތްތަކަށް ވެސް އަދަބު ލިބެންޖެހޭނެ ކަމުގައި ދެކެން." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ޚިޔާނާތު މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ފިލައިގެން އުޅޭތީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ހަތަރު މީހެއްގެ ނަންތައް މިހާރު ވަނީ ނަގާފައެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސުންވެސް ބުނެފައިވަނީ މި ހަތަރު މީހުންގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވަނީ ދައުލަތުން އެދިގެންކަމަށެވެ. ނަމަވެސް ނޯޓިސް ނަގައިދިނުމަށް ފުލުހުން ގާތު އެދުނީ ދަޢުލަތުގެ ކޮންކޮން އިދާރާއަކުން ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ އޭރު އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނީ މި ހަތަރު މީހުން ތަހުޤީގަށް ހާޒިރުނުކުރެވިގެންކަމަށާއި މިހާރު އެފަރާތަކާއި ފުލުހުންނާ ދިމާވެ ތަހުޤީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި ފަރާތްތައް އިނގިރޭސި ވިލާތުން ހިމާޔަތް ހޯދައިގެން ތިބި ނަމަވެސް ފުލުހުނަށް އެމީހުންނާއި ބައްދަލުކޮށް ބޭނުންވާ މައުލޫމާތު ހޯދާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެހެންކަމުން މިހާރު ރެޑް ނޯޓިސް ދަމަހައްޓަންޖެހޭ ތަނެއް ނެތްކަމަވެސް ފުލުހުން ބުނެއެވެ.