Last Updated: April 24, 09:32
Wednesday, April 24, 2024
ޚަބަރު

"ކާމިޔާބު ލިބުނީމަ އެކަންޏެއްނޫން ލީޑަރޝިޕްގެ ޒިންމާއެއް އޮތްކަމަށް ވާންވާނީ"

މަޑުއްވަރީ ދާއިރާގެ މެމްބަރ އަމީތު، ފޮޓޯ: އަވަސް

ލީޑަރޝިޕްގެ ޒިންމާއެއް އޮތްކަމަށް ވާންވާނީ ކާމިޔާބު ލިބުނީމަ އެކަންޏެއްނޫން ކަމަށާއި ނާކާމިޔާބު ވިޔަސް ލީޑަރޝިޕުން ޒިންމާ އުފުލަންޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މިވަގުތު ފުރުއްވަމުން ގެންދަވާ މަޖިލިސް މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.\

އަމީތު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވީ އެ ދެ ޕާޓީގެ ލީޑަޝިޕް ފޭލްވެގެން ނޫން ކަމަށާއި އިންތިޚާބަށް ނާޖާއިޒު ނުފޫޒުތަކެއް ވަދެގެން ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެން އެބޭފުޅާއަށް ރައްދު ދެއްވާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

"ކާމިޔާބެއް ލިބުނީމަ އެކަންޏެއް ނޫން ލީޑަރޝިޕްގެ ޒިންމާއެއް އޮތްކަމަށް ވާންވާނީ. ނާކާމިޔާބު ވިޔަސް ޒިންމާ އުފުލަން ޖެހޭނެ ލީޑަރޝިޕުން. ޑިމޮކްރަސީގެ މި ރީތި އާދަ ދަންނަ ބަޔަކު ޕީޕީއެމްގެ ލީޑަރޝިޕްގަ ނެތިގެން ޕީޕީއެމަށް ކުރިއެރުމެއް ނުލިބިގެން މިއުޅެނީވެސް." އަމީތު ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ބައްޔާ އެކު ޕީޕީއެމަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ޒިންމާ ޕާޓީގެ ލީޑަރޝިޕުން ނަގަން ޖެހޭނެ ކަމަށް ޕީޕިއެމްގެ އިސް ބައެއް ބޭފުޅުން ވެސް ދެކެވަޑައިގަންނަވައެވެ.