Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ދަރަނިވެރިވެފައިވާ ޕީޕީއެމް ހޯދުމުގެ ޝައުގެއް އެމްއާރްއެމަކު ނެތް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އަލުން ހޯދައި ޕާޓީ ހިންގަން އެއްވެސް ޝައުގުވެރިކަމެއް މިހާރު ނެތް ކަމަށް މައުމޫންގެ އާ ޕާޓީ، އެމްއާރުއެމުން ބުނެފިއެވެ.

އެމްއާރްއެމަށް މީހުން ވައްދައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ބާރަށް ކުރަމުން އަންނައިރު އެމަނިކުފާނު އުފެއްދެވި ޕީޕީއެމް ވަނީ ޖެހިޖެހިގެން ތިން އިންތިޚާބުން ބޮޑު ނާކާމިޔާބީއެއް ލިބި އަނަރޫފަ ވެފައެވެ. ޕާޓީގެ ލީޑަޝިޕުން އެކަކު އަނެކާ މެދު ސުވާލު އުފައްދަމުން އަންނައިރު ލީޑަރު، ކުރީގެ ރައީސް ޔާމީން އަމިއްލަފުޅަށް ޕާޓީއާ ދުރަށް ޖެހިލުމުގެ ވާހަކަވެސް ދައްކަވަމުން އެބަ ގެންދަވައެވެ.

އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމުން ކުރި ބޮޑެތި ޚަރަދުތަކަށް ފައިސާ ނުދެއްކި ޕާޓީ ވަރަށް ބޮޑަށް ވަނީ ދަރަނިވެފައެވެ.

އެމްއާރްއެމްގެ އިސް އޮފިޝަލެއް ކަމަށްވާ އަބްދުލް އަލީމް، ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ ކޯޓަށް ހުށައެޅުމުން އެ މައްސަލަ މައުމޫނާ އެއްކޮޅަށް ނިމޭނެ ކަމަށް އުއްމީދު ކުރި ކަމަށެވެ.

ނަމަވެސް ޔާމީނާ އެއްކޮޅަށް މައްސަލަ ނިމި، މިހާރު ރައީސް މައުމޫން އާ ޕާޓީއެއްގެ މަސައްކަތް ކުރަން ފެށުމުން، ދެން އަލުން ޕީޕީއެމާ ގުޅުމުގެ ޚިޔާލެއް އެމަނިކުފާނުގެ ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

މައުމޫން ވަނީ ދާދި ފަހުން ބޭއްވި ހަރަކާތެއްގައި، ޕީޕީއެމް އެމަނިކުފާނާ ހަވާލުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދައިނުދެވިފައިވާކަން ފާހަގަކޮށްފައެވެ.

އަލީމް އިތުރަށް ވިދާޅުވީ ޕާޓީއާ(އެމްއާރުއެމާ) ޕީޕީއެމްގެ ގިނަ މެމްބަރުންވެސް ގުޅޭނެ ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަޖިސްޓާ ކުރަން ބޭނުންވާ ވަރަށް މީހުން ހަމަ ވާނެ ކަމަށެވެ.

ރައީސް މައުމޫން ވަނީ ކުރު ޗުއްޓީއެއް ހޭދަކޮށްލުމަށް އަނބިކަނބަލުންނާއެކު ރޭ ލަންކާއަށް ފުރާ ވަޑައިގެންފައެވެ.