އައްޑޫ ސިޓީ ކައުންސިލުން ދޫކުރަމުން އަންނަ ވެހިކަލް ތަކުގެ އަހަރީ ފީ ސްޓިކާރ މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) އިން ކައުންސިލަށް ނުދޭން ނިންމުމާއި ގުޅިގެން ވަގުތީ ހުއްދައެއް ވެހިކަލްތަކަށް ދޫކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަ ހަވާލުވެ ހުންނެވި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ހުސެއިން ހިލްމީ ވިދާޅުވީ ކައުންސިލުން ދޫކުރަމުން އަންނަ ވެހިކަލްތަކުގެ އަހަރީ ފީ ސްޓިކާ ކައުންސިލަށް ޖޫން 1 ވަނަ ދުވަހުން ފެށިގެން މީރާއިން ދޫނުކަރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ވަގުތީ ހުއްދަ އެެއް އުޅަނދުތަކުގެ ވެރިފަރާތަށް ދޫކުރާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.
ހުސެއިން ވިދާޅުވީ ވެހިކަލް ތަކުން ބަލައިގަންނަ ފީ މީރާއަށް ޖަމާ ނުކުރާތީ އެފައިސާ ހޯދުމަށް މީރާއިން އެދެމުންދާ ކަމަށެވެ. އަދި އިދާރީ މައްސަލަ އަކާއި ގުޅިގެން ރައްޔިތުންނަށް ލިބެން ޖެހޭ ހިދްމަތަކުން މަހްރޫމް ނުކުރެވޭނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް ލިބޭ އާމްދަނީ އަކީ ކައުންސިލްގެ އެއްޗެއްކަމަށެވެ. އެގޮތުން އެ ސަރަހައްދަކުން ނެގޭ ފީތަކާއި ކުލިން ލިބޭ އާމްދަނީ އަކީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދްމަތްތައް ދިނުމަށް ހުންނަ ފައިސާކަމަށެވެ.
ހުސެއިން ވިދާޅުވީ ކައުންސިލްގެ ބައްދަލު ވުމުގައި މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށް ސްޓިކާ ލިބެންދެން އުޅަނދުތަކުގެ ވެރިންނަށް ފައިސާ ދެއްކި ކަމުގެ ލިއުމާއި އެކު ވަގުތީ ހުއްްދަ ދޭން ކައުންސިލުން ނިންމާފައިވާކަމަށެވެ.