Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މަޖިލީހުގެ ރައީސް ކަމަށް އެންމެ ގާބިލު ބޭފުޅަކީ ގާސިމް: އަލީ ސޯލިހު

ގާސިމް އިބްރާހިމް - ފޮޓޯ: އައްޑޫ ލައިވް

އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެންމެ ގާބިލު ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އާ މަޖިލީހުގެ ރައީސް ކަމުގެ ވާދަވެރިކަން ވެސް ބޮޑުވެފައިވާއިރު އަލީ ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން އެއްބަސްވުން ބުނާގޮތުން މަޖިލީހުގެ ރައީސް ކަމަށް ހުންނަވަން ޖެހޭނީ ޖޭޕީގެ މެމްބަރެއް ކަމަށާއި އެގޮތުން އެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ މިހާރުވެސް މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ގާސިމް ކަމަށެވެ.

https://twitter.com/alisolih/status/1118819627365064706

އަލީ ސޯލިހު މިހެން ވިދާޅުވިއިރު މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވުމުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމަށް ވެސް ގެންނަން ނިންމާފައިވަނީ އެ ޕާޓީގެ މެމްބަރުންނެވެ.

އެގޮތުން މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަސް ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ. މީގެއިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ވެސް ވަނީ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

އާ މަޖިލީހުގެ ޖަލްސާތަށް ފަށާނީ އަންނަ މަހުގެ ފަހުކޮޅުއެވެ.