Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އަމީތާބް، ރަންބީރް، އަދި އާމިރު ޚާން ޚާއްސަ ލަވައެއް ޝޫޓްކުރަނީ

ޕުލްވާމާއަށް ދެވުނު ޓެރަރިސްޓް ހަމަލާގައި ޝަހީދުވެގެންދިޔަ ސިފައިންގެ ހަނދާނުގައި މަޝްހޫރު ބޮލީވުޑްގެ ތަރިން ކަމަށްވާ އަމީތާބް ބައްޗަބް، ރަންބީރް ކަޕޫރު އަދި އާމިރު ޚާން "ތޫ ދޭޝް މެރާ" ކިޔާ ލަވައެއްގެ ޝޫޓިންގ ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

14 ފެބްރުއަރީ 2019ގައި ޕުލްވާމާއަށް ދެވުނު އެ ހަމަލާގެ ސަބަބުން އިންޑިއާގެ ގިނަ ބަޔަކަށް ވަނީ ސިހުން ގެނުވާފައެވެ. 40 އަށްވުރެ ގިނަ އިންޑިއާ ސިފައިން މަރުވި މި ހާދިސާ ބޮލީވުޑްގެ މަޝްހޫރު އެންމެހާ ތަރިންނާއި ޖުމްލަ ގޮތެއްގައި އެންމެހާ އިންޑިއާގެ ރައްޔިތުންވަނީ ކުށްވެރިކޮށްފައެވެ.

އެ ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ހައްދުފަހަނައަޅާފައިވާ ޖަމާޢަތަކުން ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެ ހަމަލާގައި ޕާކިސްތާނުގެ ސަރުކާރުގެ އަތެއް ވާނެ ކަމަށް ބުނެފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ދެވި ހަނގުރާމައަކަށް ދާން ޖެހިއްޖެއްޔާ އެކަންވެސް ކުރާނެ ކަމަށް ދެ ގައުމުން ވެސް އެ ދުވަސްކޮޅު ދިޔައީ ބުނަމުންނެވެ.

މި މައްސަލާގައި ބޮލީވުޑްގައި މަސައްކަތް ކުރަމުންދިޔަ އެތައް ޕާކިސްތާނުގެ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން އިންޑިއާއިން ވަނީ ބޮއިކޮޓް ކޮށްފައެވެ.

މި ފަހަރު މި ތިން ތަރިން އެކުވެގެން ޝޫޓްކުރާ މި ލަވައަކީ ޝަހީދުންނަށް އެމީހުންގެ ހިތުގައި އޮންނަ އިޙްތިރާމާއި ގަދަރު ހާމަކޮށްދިނުމަށް އުފައްދާ ލަވައެއް ކަމަށް އިންޑިއާގެ ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތުދެއެވެ.