Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ވަރޫންގެ މިސްރާބު ފިލްމު އުފެއްދުމަށް

ކުރިއަރަމުން އަންނަ މަޝްހޫރު ބޮލީވުޑްގެ ތަރި ވަރޫން ދަވަން ފިލްމު އުފެއްދުމަށް މިސްރާބު ޖަހަމުން އަންނަ ކަމަށް އޭނާ ބުނެފިއެވެ.

ވަރޫންގެ އެންމެ ފަހުން ރިލީޒް ކުރެވުނު ފިލްމަކީ " ކަލަންކް" އެވެ. މީގެ އިތުރުން އޭނާ މިވަގުތު ދަނީ "ސްޓްރީޓް ޑާންސާ 3ޑީ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމަކީ ރެމޯ ޑިސޫޒާގެ ފިލްމް "އޭބީސީޑީ" ގެ 3 ވަނަ އިންސްޓޯލްމަންޓެވެ. އަދި މީގެ އިތުރުން ވެސް ވަރޫން ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ކޫލީ ނަމްބަރު 1" ގެ ރީމޭކްއެއް އުފެއްދުމުގެ މަސައްކަތުގައި އުޅެމުންދާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ވަރޫން ބުނެފައިވާ ގޮތުގައި " ކޫލީ ނަމްބަރު 1" ގެ ރީމޭކް އުފައްދާނީ އޭނާގެ އަމިއްލަ އުފެއްދުމެއް ގޮތުގައެވެ. ޕްރޮޑިއުސަރަކަށް ވުމާއިމެދު ވާހަކަ ދައްކަމުން ވަރޫން ބުނެފައިވަނީ އޭނާ ދުވަހަކު ވެސް ސެޓްތަކުގައި ޕްރޮޑިއުސަރުން އުޅޭ ގޮތަކަށް ނޫޅޭނެ ކަމަށެވެ. މިހާރުވެސް އެކި ފިލްމުތަކުގައި ޕްރީ ޕްރޮޑަކްޝަން އަދި މޭކިންގ މަސައްކަތުގައި ވަރޫން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެވާހަކަތަކުގެ ތެރޭގައި ވަރޫން ވަނީ ކަރަން ޖޯހަރުއަށް ވަރަށް ތައުރީފް ކޮށްފައެވެ. ކަރަން ވަރަށް ގިނަ އެއްޗެހި މިކަމުގައި އޭނާއަށް ދަސްކޮށްދީފައިވާ ކަމަށް ވަރޫން ވަނީ ބުނެފައެވެ.

ވަރޫނއ ފިލްމު އުފައްދަން ބޭނުންވަނީ ގިނަ ފައިސާ ހޯދުމަށް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެއްވެސް ވަރަކަށް ފައިސާ އިސްރާފް ކުރުމުގެ ވިސްނުމެއް ނެތްކަމަށް ވެސް އޭނާ ބުނެފައިވެއެވެ.