Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ރާއްޖެ ޓީވީގެ ސަސްޕެންޝަން ސުޕްރީމް ކޯޓުން އުވާލައިފި

ޝަރުއީ ދާއިރާގެ އެއްވެސް ކޯޓެއްގެ އަޑުއެހުންތަކަށް ރާއްޖެ ޓީވީ ނުވެއްދުމަށާއި، ޝަރުއީ ދާއިރާގެ އެއްވެސް ހަރަކާތްތެއް ކަވަރު ކުރުމަށްވެސް ރާއްޖެ ޓީވީއަށް ފުރުސަތު ނުދިނުމަށް ނިންމާފައި އޮތް އޮތުން ސުޕްރީމް ކޯޓުން ނިމުމަކަށް ގެނެސްފިއެވެ.

ސްޕްރީމް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެ ޓީވީ ޝަރުއީ ދާއިރާގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި ވަނީ 2018 އޮކްޓޫބަރު 31 ވަނަ ދުވަހުގެ ހެނދުނު އެ ޗެނަލުން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމުގައި ކޯޓުތަކުގެ ފަނޑިޔާރުން، ހާއްސަކޮށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭފަދަ ކޮންޓެންޓް ތަކެއް ގެނެސްދީފައިވާ ކަމަށް ބުނެއެވެ.

ރާއްޖެޓީވީގެ ސަސްޕެންޝަން އުވާލައި ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަރުކުރުމުގެ ފުރުސަތު އެ ޓީވީ ސްޓޭޝަނަށް އަލުން ދިނުމަށް ސުޕްރީމް ކޯޓުން ނިންމީ ރާއްޖެޓީވީން ފޮނުވި ސިޓީތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.

އެގޮތުން ޝަރުއީ ދާއިރާގެ ހަރަކާތްތަކުން ރާއްޖެ ޓީވީ ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ޑީޖޭއޭއިން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ވެއެވެ.