ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަށް އަމާޒުކޮށްގެން އިކޮނިމިކް މިނިސްޓްރީން ދޫކުރަން ނިންމާފައިވާ ލުއި ލޯނަށް އެދުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.
މނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ލޯނަށް އެދުމުގެ އިތުރު ފުރުސަތެއް ހުޅުވާލީ ކުރިން ހުށަހެޅި ފަރާތްތަކަށް ލޯން ދޫކުރުމަށް ފަހު ފަންޑުން 7،086،977ރ. ބާކީވާތީ ކަމަށެވެ. އެހެންވެ އަލުން ހުޅުވާލި ފުރުސަތުގައި ލޯނަށް އެދުމުގެ މުއްދަތު ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިނިސްޓްރީން ބުނީ ލޯން ދޫކުރާ އެންމެ ބޮޑު އަދަދަކީ 320،000ރ. ކަމަށެވެ. އަދި ލޯނަށް އެދެވޭ އެންމެ ކުޑަ މިންވަރަކީ 50،000ރ. އެވެ.
މި ލޯން ދޫކުރުމުގައި، ދާދި ފަހުން ކުރި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށްރަށުގެ ދަނޑުވެރިންނަށް ލޯންގެ 60 ޕަސެންޓް ދޫކުރުމައި އިސްކަން ދޭނެ އެވެ. ބާކީ 40 ޕަސެންޓް ދޫކުރާނީ އާންމުކޮށް ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އިންޓްރަސްޓްގެ ގޮތުގައި 6.83 ޕަސެންޓް ދައްކަން ޖެހޭ، މި ލޯނު އަނބުރާ ދައްކަން ޖެހެނީ އަށް އަހަރު ދުވަހުގެ ތެރޭގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ލޯނަށް އެދޭ ފޯމް އެ މިނިސްޓްރީންނާއި ބީއެމްއެލްގެ ވެބްސައިޓްގެ އިތުރުން ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ގދ. ތިނަދޫ އަދި އައްޑޫގައި ގާއިމްކޮށްފައިވާ ބިޒްނަސް ޑިވެލޮޕްމަންޓް ސާވިސް ސެންޓަރު (ބީޑީއެސްސީ) އިން ލިބޭނެ ކަމަށެވެ.