Last Updated: April 19, 06:02
Friday, April 19, 2024
ޚަބަރު

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަންޖެހޭ: ސުއޫދު

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކި ކުރަންޖެހޭ ކަމަށް، ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ރޭ "ރާއްޖެ ޓީވީ" ގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށް އަމުރެއް ނެރުމަށްފަހު އެމަހުގެ ފަސް ވަނަ ދުވަހަށްފަހު ނުފޫޒެއްގެ ދަށުވެގެން ކުރި އަމުރެއް ކަމަށް ބުނެ ފަހުން އެ އަމުރު ބަދަލުކުރުން ފަދަ ކަންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ހަމަ ހުރިހާ ބޭފުޅުން ވަކި ކުރަން އެބަޖެހޭ ކަމަށް ކަމަށް ގަބޫލު ކުރަނީ" ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރުން ހަމަ ކުއްލިއަކަށް ވަކިކޮށްގެން ނުވާނެ ކަމަށާއި އެކަން ވެސް ކުރަންޖެހޭނީ ހާމަކަން ބޮޑު މަރުހަލާއެއްގެ ތެރެއިން ކަމަށް ސުއޫދު ވިދާޅުވިއެވެ. އެގޮތުން ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތުތައް ދޭންޖެހޭނެ ކަމަށާއި އަދި އެ ބޭފުޅުންގެ ކިބައިގައި ގާބިލުކަން ހުރިތޯ ނުވަތަ ނޫންތޯ ވަޒަންކުރުމަށްޓަކާ ވެސް މަރުހަލާއެއް ހިންގަންޖެހޭ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

"ހަމަ އެއް ރޭ އިރުއަރާ ތަނުން ހުރިހާ ފަނޑިޔާރުން ކަނޑާލައިގެން ކަމަކު ނުދާނެ. ހަމަ ވަކި މަރުހަލާއެއްގެ ތެރެއިން ގޮސް، އެ މަރުހަލާ ފުރިހަމަ ކުރަންޖެހޭނީ ވަރަށް ހާމަކަމާއި ހުޅުވާލެވިފައިވާ މޭރުމަކުން. އެ ނޫން ގޮތަކަށް އެކަން ކުރާކަށް އަޅުގަނޑުމެންނަކަށް އެއްބަހެއް ނުވެވޭނެ" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ފަނޑިޔާރުން ވަކި ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަންޖެހޭނީ ބޭރުގެ ޖަމާއަތެއްގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ސިޔާސީ ގޮތުން ވަކި ފަނޑިޔާރަކު ބޭރުކޮށްލީއޭ ބުނުމުގެ ޖާގަދީގެން ނުވާނެ ކަމަށާއި އަދި ފަނޑިޔާރުން އަލުން އައްޔަން ކުރަންޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.