Last Updated: April 18, 15:32
Thursday, April 18, 2024
ޚަބަރު

ކޯލްޕެޓީ ސަރަހައްދުން ފެނުނީ ގޮވާއެއްޗެއް ނޫން: ލަންކާ

ސްރީ ލަންކާއަށް އާދީއްތަ ދުވަހު ދިން ސިލްސިލާ ބޮމުގެ ހަމަލާތަކާއެކު ގައުމު ކުއްލި ހާލަތަކަށް ގޮސްފައިވަނިކޮށް މިއަދު އަނެއްކާވެސް ގޮވާ ޒާތުގެ އެއްޗެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނި، ކުރި ތަހުލީލުން އެނގޭ ގޮތުގައި ފެނިފައިވަނީ ގޮވާ އެއްޗެއް ނޫން ކަން ކަށަވަރު ވެފައިވާކަން ލަންކާ ފުލުހުން ހާމަކޮށްފިއެވެ.

ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއިން ގޮވާ ޒާތުގެ އެއްޗެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަން އިއުލާން ކޮށްފައިވާއިރު ފުލުހުން ވަނީ ގޮވުމެއް ނުގެނެސް އެ ނައްތާލުމުގެ މަސައްކަތް ފަށާފައެވެ.

ފެނިފައިވަނީ ގޮވާ އެއްޗެއް ނޫން ކަން އެނގުނީ އެ މަސައްކަތް ފެށުމުންނެވެ. އިއްޔެވެސް މިފަދަ އެއްޗެއް ކާރެއްގައި ހަރުކޮށްފައި ހުއްޓާ ފެނި، ނައްތާލަން މަސައްކަތް ކުރަނިކޮށް ކާރު ވަނީ ގޮވާފައެވެ.

ބޮމުގެ ހަމަލާގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ސަލާމަތީ ފިޔަވަޅުތައް ލަންކާގެ އިތުރުން އަވަށްޓެރި އިންޑިޔާއާއި ދިވެހި ރާއްޖޭގައި ވެސް މިހާރު ވަނީ ވަރުގަދަ ކޮށްފައެވެ.

ލަންކާއަކީ ދިވެހިންގެ ބޮޑު އާބާދީއެއް އޮންނަ ތަނަކަށް ވި ނަމަވެސް މި ބޮމުގެ ހަމަލާތަކުގައި ދިވެއްސަކަަށް ގެއްލުމެއް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.