Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ދައުލަތުގެ ފައިސާ އިސްރާފްވާ ފަދަ ބިލްތަކަށް ނޯ ބުނަންޖެހޭ!: ޝެއިޚް ޒައިދު

ޝެއިޚް އަލީ ޒައިދު

ދައުލަތުގެ ފައިސާ އިސްރާފްވާ ފަދަ ބިލްތަކަށް ނޯ ބުނަންޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

"ދައުލަތުގެ ފައިސާ އިސްރާފްވާ ފަދަ ބިލްތަކަށް ނޯ ބުނަންޖެހޭ! އިސްރާފް ކުރުމަކީ މާތްﷲ ލޯބިވެވޮޑިނުގަންނަވާނެ ކަމެއް ކަމަށް ކީރިތި ޤުުރުޢާނުގައި އައިސްފައިވޭ" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ވަކި ވަކިން ދެ އިސްލާހެއް ވަނީ ހުށަހަޅުއްވާފައެވެ. މި އިސްލާހްތައް ހުށަހަޅުއްވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ.

މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް މުސްތަފާ އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.

މެންބަރު ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބެންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށެވެ.

އިމްތިޔާޒުގެ ގާނޫނު މިހާރު އޮތްގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖެހެނީ ހަމައެކަނި މެމްބަރުކަން ކުރެއްވި ބޭފުޅުންނަށެވެ.

އަދި މެމްބަރުކަން ކުރި މީހުންނާއި، އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެނައުމަށާއި މަޖިލީހުގެ ރައީސްކަން އަދި ނައިބް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ހެލްތް އިންޝުއަރެންސް ލިބެން ޖެހޭ ގޮތަށްވެސް އިމްތިޔާޒުގެ ގާނޫނު އިސްލާހުކުރުމަށްވެސް ލަތީފް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.

މީގެއިތުރުން މެންބަރުކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ލިބޭނީ އެބޭފުޅަކަށް އުމުރުން 55 އަހަރު ވުމުން ކަމަށް އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ މާއްދާ އިސްލާހުކޮށް، މެންބަރަކު މެންބަރުކަމުން ވަކިވެވަޑައިގަންނަވާ ދުވަހުން ފެށިގެން އިނާޔަތް ލިބޭނެ ގޮތް ހަަމަޖެއްސެވުމަށްވެސް ލަތީފް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.

މިއިސްލާހްތައް ހުށަހެޅުއްވުމާއި ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ނުރުހުން ވަނީ މި ބޭފުޅުންނަށް އަމާޒުވެފައެވެ. ބޮޑެތި ފާޑުކިޔުންތައް ދަނީ ސޯޝަލް މީޑިއާގައި މި ފަރާތްތަކަށް އަމާޒުވަމުންނެވެ.