ހިނގާފައި ދާއިރު ސިރާޖު ބަލަނީ ކީއްވެގެން ކަމެއް ރާޔާއަކަށް ނޭނގެ އެވެ. އިނގޭހާ ވެސް އެއްޗަކީ އެ ބަލާލުމުގައި ކޮންމެވެސް މާނައެއް ފޮރުވިގެންވާ ކަމެވެ. އެ ބެލުންތަކުން ބައެއް ފަހަރު އޭނާ އަށް އުނދަގޫ ވިޔަސް ރާޔާއަކަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ރާޔާ އަށް އިނގެ އެވެ.
ސިރާޖު އެ ބަލަނީ އޭނާގެ ދެ ލޮނުންނެވެ. ބައެއް ފަހަރު ކިތަންމެ ހިތްހަމަ ނުޖެހުނަސް ކުރެވޭނެ ކަމެއް ނެތިފައި ތުންފިއްތައިގެން އިނުން ނޫން އެހެން އިހުތިޔާރެއް ރާޔާއަކަށް ނޯވެ އެވެ. އެކަމާ އޭނާ ޝަކުވާ ކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ އެއްކޮޅުން ސިރާޖަކީ އޭނާގެ ބޮހެވެ. އަނެއްކޮޅުން އެއީ ރާޔާގެ ބެސްޓް ފްރެންޑް ލަމްހާގެ ފިރިމިހާ އެވެ. އެ ދެގޮތުން ކުރެވެސް ރާޔާއަކަށް ފަސޭހަ ގޮތެއް ނެތެވެ.
ކިތަންމެ ހިތްހަމަނުޖެހުނަސް ބޮހާ ދޭތެރޭގައި އޭނާ ޝަކުވާ ކުރާނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ފޫހިވިޔަސް ލަމްހާ ގާތުގައި އޭނާގެ ފިރިމީހާގެ "ވަފާތެރިކަމުގެ" ވާހަކަ ދައްކާނީ ވެސް ކިހިނެއް ހެއްޔެވެ؟ ރާޔާ ވެސް ގަބޫލު ކުރެ އެވެ. ސިރާޖު ރީއްޗެވެ. ނުލާހިކު ސްމާޓްވެފައި ހިތްދަމައި ގަންނަ ކަހަކަ ގޮތެއް ހުރެ އެވެ.
އެކަމަކު އެކަމާ އޭނާއާ ކީއްޔެވެ؟ ދުނިޔޭގައި އުޅޭ ރީތި ފިރިހެނުންގެ އަދަދު މަދެއް ވެސް ނުވާނެ އެވެ. ކޮންމެވެސް އެއް ދުވަހަކުން އޭނާ އަށް ވެސް ލޯބިވާ މީހަކު ލިބޭނެ އެވެ. އެ ދުވަހަކުން އޭނާ ކައިވެނިވެސް ކުރާނެ އެވެ. ފުޓްބޯޅަ ޓީމެއް ހަމަ ވާވަރަށް ދަރިން ނުހޯދިޔަސް އޭނާ ވެސް ދަރިއަކު ހޯދާނެ އެވެ.
އެކަނި މާއެކަނި ކެބިންތެރޭގައި ހުރެގެން އޭނާ ވިސްނަމުން ގެންދިޔަ އެވެ. ސިރާޖު އެހާ ވަރަށް ބަލަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކިބައިން އޭނާއަށް އާދަޔާހިލާފު އެއްޗެއް ފެންނަނީ ހެއްޔެވެ؟ އެހެން ވިޔަސް އެނާގެ ފަރުވާލެއް ނެތެވެ. ކުޑަމިނުން ސިރާޖާ ދޭތެރޭގައި އޭނާގެ ހިތުގައި ހަމަ އެއްވެސް ހާއްސަކަމެއް ނެތެވެ. އެހެން ނަމަވެސް ސިރާޖު ބަލާ ވަރުން ބައެއް ފަހަރު އެކަމާ ވިސްނަން އޭނާ އަށް މަޖުބޫރުވެ އެވެ.
ދެން އެ ވަގުތު އޭނާގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ. ސިރާޖާއި ލަމްހާގެ މީހުންގެ ކައިވެންޏަށް އަހަރު ދުވަސްވެގެން ދިޔަ އިރު ވެސް ކުއްޖަކު ނެތީ ކީއްވެގެން ހެއްޔެވެ؟ ހުދު ލަމްހާގެ ދުލުން ވެސް އެފަދަ ވާހަކައެއް ދުވަހަކު ވެސް ރާޔާ އަހާފައެއް ނުވެ އެވެ.
އަނެއްކާ ސިރާޖު ވެސް ދަރިއަކު ބޭނުން ނުވަނީ ބާވަ އެވެ؟ ނޫން ނަމަ ދަރިއަކުން ހޯދުން އަދި ތަންކޮޅެއް އަވަހީ ހެއްޔެވެ؟ ރާޔާ އަށް ވިސްނުނު ގޮތުގައި އެ ވެސް ވެދާނެ ގޮތެކެވެ. އެހެން ނަމަވެސް މި ޒަމާނުގައި ކޮންމެ މީހަކު ވެސް ބޭނުން ވާނީ އުފާވެރި ހަޔާތެއް ނޫން ހެއްޔެވެ؟
ސިރާޖަށް ބަލާ އިރު އޭނާއަކީ އަމިއްލަ އެޖެންސީއެއް ހިންގާ މީހެކެވެ. ފައިސާ ބޭނުން ވަރަކަށް ލިބެ އެވެ. އެކަން އެންމެ ރަނގަޅަށް އިނގޭނެ މީހަކީ ވެސް ރާޔާ އެވެ. އެއީ ހަމައެކަނި އެޖެންސީގެ އެކައުންޓެންޓަކަށް އޭނާ ވާތީއެއް ނޫނެވެ. ލަމްހާ އާ އެކުގައި އެންމެ ގިނައިން ބާޒާރަށް ނިކުންނަ މީހަކީ ވެސް ރާޔާ އެވެ. އެފަދަ ދަނޑިވަޅުތަކުގައި އޭނާ އެ ހޭދަކޮށްލަނީ ކިހާ ފައިސާއެއް ހެއްޔެވެ؟ އެއްވެސް ފިކުރަކާ ނުލަ އެވެ. އަނެއްކޮޅުން އެ ދެ މެމަފިރިން އުޅެމުން ގެންދަނީ ކިހާ "ދިވެހިވަންތަކަން ކުޑަ" ދިރިއުޅުމެއް ހެއްޔެވެ؟
ހުވަފެނަކުން ވެސް އެފަދަ ދިރިއުޅުމެއް ފެނިދާނެ ކަމަކަށް ރާޔާއަކަށް ގަބޫލެއް ނުކުރެވެ އެވެ. އެހެން ނަމަވެސް އޭނާގެ ހިތުގައި ކިހާ ފޮނި އުންމީދުތަކެއް ވޭ ހެއްޔެވެ؟ އެފަދަ ތަނަވަސް ދިރިއުޅުމެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ރާޔާ އަށް އިނގެ އެވެ. އެފަދަ ހަޔާތެއް ލިބޭނީ ސިރާޖު ކަހަލަ ފިރިއަކު ލިބުނު މީހަކަށެވެ. ލަމްހާ ކިހާ ނަސީބު ގަދަ ހެއްޔެވެ؟ އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި އޮވެގެން އޭނާ އުޅެމުން ގެންދަނީ ކޮންފަދަ ތަނަވަސް ދިރިއުޅުމެއް ހެއްޔެވެ؟ އަމިއްލަ އަށް މަސައްކަތްކޮށްގެން ވެސް ގިނަ ފަހަރަށް ރާޔާ އަށް އޮންނަނީ ބޭނުން ހުރިހާ ނުކުރެވިފަ އެވެެ. އެހެން ނަމަވެސް އެކަމާ ފިކުރު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. މިންވަރަށް ޖެހޭނީ ޝުކުރު ކުރާށެވެ.
އެފަދަ ހިޔާލުތަކެއްގައި ރާޔަށް އިންދައި އޮފީސް ބަންދު ކުރާ ގަޑި ވެސް ޖެހިއްޖެ އެވެ. ހިޔާލެއްގެ ތެރެއަށް ވަދެވިފައި އިންލެއް ބޮޑުކަމުން އޭނާ އަށް ރޭކާ ވެސް ލީ ސިރާޖު އައިސް ކެބިންގެ ބިއްލޫރި ދޮރުގައި ޓަކި ޖަހާލުމުންނެވެ.
ސިއްސައިގެން ގޮސްފައި އޭނާއަށް ބަލާލެވުނު ވަގުތު ކުއްލިއަކަށް ސިރާޖު ފެނުމުން އޭނާ ވަަރަށް ބޮޑަށް ހާސް ވެސް ވެއްޖެ އެވެ. ދެވަނަ ފަހަރަށް ސިރާޖު ޓަކި ޖަހާލުމުން ރާޔާ ތެދުވެގެން އަތުވެއްޖެ އެވެ.
އެވަގުތު ސިރާޖުގެ ފަރާތުން ލިބުނީ އުންމީދު ވެސް ނުކުރާ ކަހަލަ ދައުވަތެކެވެ. ކިތަންމެ ބޭނުން ނުވިޔަސް އެއްވެސް ބަހަނާއެއް ދައްކާކަށް ރާޔާއަކަށް ނުކެރުނެވެ. ސީދާ ކުރިމަތީގައި ސިރާޖު އެދުމުންނެވެ. އެހެން ނަމަވެސް އެކުވެރިޔާގެ ފިރިމީހާގެ ކާރުގައި ނުވަތަ އޮފީސް ބޮހުގެ ކާރުގައި ދާ މަންޒަރު ފެނުމުން މީހުން ދައްކާނެ ވާހަކަ ވެސް ރީއްޗެއް ނުވާނެކަން ރާޔާ އަށް އިނގެ އެވެ. އެކަމު މި ވަގުތު ހެދޭނެ އެއްވެސް އިތުރު ގޮތެއް ނެތެވެ. އެހެންކަމުން ސިރާޖާ އެކު ދިއުން ނޫން އެއްވެސް ގޮތެއް ނެތެވެ.
ކާރުގައި ދެ މީހުން ދާއިރު ސިއްރު ސިއްރުންނާއި ހުދު ލަމްހާ އިނގޭނެހެން ސިރާޖު ބަލަމުން ގެންދިޔަ އެވެ. އެކަން ރާޔާ އަށް އެނގެ އެވެ. އެހެން ނަމަވެސް ކުރާނީ ކިީއް ހެއްޔެވެ؟ ނިކަމެތިވެފައި އިނުން ނޫން ގޮތެއް ރާޔާއަކަށް ނެތެވެ. ސިރާޖު ކޮންމެވެސް ކަހަލަ ގޯނާއެއް ކުރާނެކަން ރާޔާ އަށް މާ ކުރިން ވެސް އިނގެ އެވެ.
"ކާރުގައި މައި ހާޓް އިޒް ޑްރިފްޓިން އަވޭ" ޖަހާފައި ހުރި އެހެންވެގެންކަން އޭނާއަށް އެނގެ އެވެ. އެކަމަކު އެހެން ވާކަށް ރާޔާ ބޭނުމެއް ނޫނެވެ. ބެސްޓް ފްރެންޑްގެ ފިރިމީހާއަށްޓަކައި އޭނާގެ ހިތް އޮޔާގެންދާކަށް ރާޔާ ބޭނުމެއް ނޫނެވެ. އެހެންވެއްޖެ ނަމަ މީހުން ވެސް ކިޔާނީ ކީކޭ ހެއްޔެވެ؟
މަޑު ދުވެލީގައި ދުއްވަމުން ދިޔަ ލިމޮޒިން މަޑުކޮށްލީ ޖޭދް ބިސްޓްރޯއަށެވެ. އެތަނަކީ މާލޭގައި ވަރަށް ފަހުން ހުޅުވި ތަނަކަށް ވިޔަސް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ތަނެކެވެ. ސިރާޖަށް ވެސް އެންމެ ކަމުދާ ރެސްޓޯރެންޓް ވެސްމެ އެވެ. ހުދު ރާޔާ ވެސް އެންމެ ގަޔާވާ ތަނެވެ. ދެ މީހުން އެކުގައި ގޮސް ހިތްގައިމު މޭޒު ދޮށުގައި އިށީނުމާ އެކު ވެއިޓަރު އައިސް އޯޑަރު ނެގި އެވެ.
ެ
ތަނަށް ވެރިވެފައިވާ ފަޑު އޮރެންޖް އަލިކަމުގެ ތެރޭގައި ރާޔާގެ ދޮން މޫނު ހަނދެއްހެން ވިދަމުން ދިޔަ އެވެ. އެ މޫނުމައްޗަށް ވެއްޓިފައިވާ ބްލޮންޑް އިސްތަށިކޮޅު ބޭއިހުތިޔާރުގައި ސިރާޖު ރަނގަޅުކޮށްލަ ދިނެވެ. ސިރާޖުގެ އެ ހަރަކާތުން ރާޔާގެ ހިތުގައި ކުޅެލީ ބިރުވެރިކަމެކެވެ. އެހެންވާކަށް އެއްގޮތަކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ.
އެ ދުވަހު ގެއަށް ގޮސްފައި އެ ނޫން ކަމަކާ ދޭތެރޭގައި ރާޔާއަކަށް ނުވިސްނެ އެވެ. އެ ވަހާކަ ލަމްހާ އަށް ކިޔައިދޭކަށް ވެސް ރާޔާއަަކަށް ނުކެރޭނެ އެވެ. އޭރުން ކަންތައް ގޯސްނުވެއެއް ނުދާނެ އެވެ. އެފަދަ ހިޔާލުތަކެއްގައި އޭނާ އޮއްވައި ލަމްހާ ގުޅި ވެސް މެ އެވެ.
ރާޔާ ވާހަކަ ދައްކަން ފަށާ އިރަށް ލަމްހާ ވަަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ވީ ކީއްކަން އެނގުމުން ރާޔާގެ ހިތުގެ ހިނގުން ބާރުވަމުން ދިޔަ އެވެ. ލަމްހާ ކިޔާ އެއްޗެހި އަޑު އަހަން އޮތުން ނޫން ކަމެއް އޭނާއަކަށް ނުކުރެވުނެވެ. ވަރަށް ރުޅި އައިސްފައި ލަމްހާ ހުރިހާ އެއްޗެއް ރާޔާ އާ ދިމާ އަށް ފައްޗަކަށް އަމުނާލި އެވެ. ވީ ދެރައިން ގޮސް ރާޔާއަކަށް ރޯކަށް ވެސް ނޭގުނެވެ. ހުދު އޭނާ ދެއްކި އެއްވެސް ވާހަކައެއް ލަމްހާ ގަބޫލެއް ވެސް ނުކުރި އެވެ.
އެކަމަކު ކުރިން ހިތުގައި ޖަވާބު ނުލިބިފައި ހުރި ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިއްޖެ އެވެ. ލަމްހާގެ ދުލުންނެވެ. އެންމެ ގާތް އެކުވެރިޔާ ކަމުގައި ވިޔަސް ލަމްހާ އޭނާ ދުރުކުރި ވަރު ރާޔާ އަށް އިހުސާސް ކުރެވިއްޖެ އެވެ.
ސިރާޖު އެ ފާޑަށް އުޅޭ ސަބަބު އިނގުމުން ރާޔާ ފަހުން ދެރަ ވެސް ވި އެވެ. އެކަމު ވަރަށް ފޫހިވި އެވެ. އޭނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ފަހުން އޭނާ އެންމެ ބޮޑަށް ފޫހިވީ ލަމްހާ ވަރިކޮށްފައި ސިރާޖު އައިސް އޭނާ އާ އިނުމަށް އެދުމުންނެވެ.
ވީ ފޫހިން ގޮސް ރާޔާގެ ދޫ ބަންދުވި އެވެ. އުމުރަށް ހުސްކޮށް ހުންނަން ޖެހުނަސް ސިރާޖު ކަހަލަ ފިރިއެއް ރާޔާ ބޭނުމެއް ނޫނެވެެ. "މައާފް ކުރާށެވެ. ތި ހިތެއް މަށެއް ބޭނުމެއް ނޫނެވެ."
(ނިމުނީ)