Last Updated: July 27, 10:03
Monday, July 27, 2026
ޚަބަރު

ސުއޫދުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފި

ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ، ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޤާނޫނީ ވަކީލު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން، ކޯޓު ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

ރޭ "ރާއްޖެ ޓީވީ" ގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށް އަމުރެއް ނެރުމަށްފަހު އެމަހުގެ ފަސް ވަނަ ދުވަހަށްފަހު ނުފޫޒެއްގެ ދަށުވެގެން ކުރި އަމުރެއް ކަމަށް ބުނެ ފަހުން އެ އަމުރު ބަދަލުކުރުން ފަދަ ކަންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ހަމަ ހުރިހާ ބޭފުޅުން ވަކި ކުރަން އެބަޖެހޭ ކަމަށް ކަމަށް ގަބޫލު ކުރަނީ" ސުއޫދު ވިދާޅުވިއެވެ.

އަދި ފަނޑިޔާރުން ހަމަ ކުއްލިއަކަށް ވަކިކޮށްގެން ނުވާނެ ކަމަށާއި އެކަން ވެސް ކުރަންޖެހޭނީ ހާމަކަން ބޮޑު މަރުހަލާއެއްގެ ތެރެއިން ކަމަށް ސުއޫދު ވިދާޅުވިއެވެ. އެގޮތުން ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތުތައް ދޭންޖެހޭނެ ކަމަށާއި އަދި އެ ބޭފުޅުންގެ ކިބައިގައި ގާބިލުކަން ހުރިތޯ ނުވަތަ ނޫންތޯ ވަޒަންކުރުމަށްޓަކާ ވެސް މަރުހަލާއެއް ހިންގަންޖެހޭ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.