Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ނަބީލުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށް ފަހު ބާއްވަނީ

ލިންކު ރޯޑުގައި މިއަދު މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ނަބީލް އިބްރާހިމްގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.

ވެމްކޯގައި މަސައްކަތް ކުރަމުން އަންނަ ނަބީލް ނިޔާވެފައިވަނީ ރުއްޖެހެރަ ސަރަހައްދުގައި ހުންނަ ކުނިކޮއްޓަށް ވަނުމަށް އަނބުރާލި ވަގުތު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ވޭނަކުން ޖެހިގެންނެވެ. މިހާދިސާއަށް ފަހު ނަބީލް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ބުނެފައެވެ.

ނަބީލްގެ މައްޗަށް ކުރެވޭ ކަށުނަމާދު މާދަމާ މެންދުރު ނަމާދަށް ފަހު ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް)ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އާއިލާއިން ވަނީ އެދިފައެވެ.

މަޑުމައިތިރި މިޒާޖެއްގެ ނަބީލްގެ ކުއްލި މަރާއި ގުޅިގެން އެތައް ބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.