Last Updated: April 18, 11:33
Thursday, April 18, 2024
ޚަބަރު

އިންތިގެ ނުރުހުން ސުޕްރީމް ކޯޓަށް: އެއީ ރާއްޖޭގެ ވަކަރުގެ!

މާފަންނު އުތުރު ދާއިރާގެ މެންބަރ އިމްތިޔާޒު ފަހުމީ -- ފޮޓޯ / މަޖިލިސް

ސުޕްރީމް ކޯޓަކީ ރާއްޖޭގެ "ވަކަރުގެ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަރަށް ބޮޑަށް އެ ކޯޓަށް ފާޑު ވިދާޅުވެއްޖެއެވެ.

އާ ގާނޫނު އަސާސީގެ އައުމުގެ ކުރިން މަގާމުން ވަކިވެފައިވާ ފަނޑިޔާރުންނަށް އިނާޔަތްތައް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަކަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ލިބިގެން ނުވާ ބާރުތަކެއްގެ ބޭނުންކޮށް ސުޕްރީމް ކޯޓުން ދައުވާތައް އަމިއްލަ އަށް އުފުލައި ހުކުމްތައް ވެސް ކޮށްފައި އެބަހުރި ކަމަށާއި މިފަދަ ކަންކަމަކީ ވަކަރުގެ އިން ކުރާ ފަދަ އަމަލުތަކެއް ކަމަށެވެ.

"މި ރާއްޖޭގެ ސުޕްރީމް ކޯޓަކީ ހާއްސަ ގޮތެއްގައި ވަކަރުގެ. ހަމަ ވަކަރުގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ. މިކަން އިސްލާހުވާންޖެހޭނެ. ރާއްޖޭގެ ރައްޔިތުންނަށް ހައްގުވަނީ މި މިންވަރުގެ ސުޕްރީމް ކޯޓެއް ނޫން" އިންތި ވިދާޅުވިއެވެ.

ކޯޓުތަކުގައި ރަނގަޅު ފަނޑިޔާރުން ވެސް އެބަ ތިއްބެވި ކަމަށާއި ނަމަވެސް މަތީ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ބޮޑެތި ޖަރީމާތައް ހިންގާ މުޖުރިމުން ކަމަށްވެސް އިންތި ވިދާޅުވިއެވެ. އެ ފަނޑިޔާރުގެ އިސްލާހުވާންޖެހޭ ކަމަށާއި އެކަން އެމްޑީޕީން ކުރާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"ފަނޑިޔާރުގެ އަޅުގަނޑުމެން މިނިވަން ކުރާނަން. އަޅުގަނޑުމެން މި އުޅެނީ ފަނޑިޔާރުގެއާ ޖައްސާލާކަށް ނޫން. އަޅުގަނޑުމެން ލޯބިވަނީ ފަނޑިޔާރުގެ ދެކެ. އަޅުގަނޑުމެން އިންސާފު ދެކެ ލޯތްބެއް ނުވާނެތޯ. އަޅުގަނޑުމެންގެ ދަރީންނަށްޓަކާ އިންސާފު ކަށަވަރުކޮށްދޭން ބޭނުމެއް ނުވާނެތޯ. މި ރާއްޖޭގައި މި ހިނގަނީ ފަނޑިޔާރު ގެއެއްތޯ" އިންތި ވިދާޅުވިއެވެ.

މީގެއިތުރުން އިންތި ވަނީ އާ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބުމަކީ ނަސީބެއް ކަމަށްވެސް ވިދާޅުވެފައެވެ. އެހެން ނޫންނަމަ މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް ތަކުރާރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.