ކުރިއަށް ރިޔާސީ އިންތިހާބަށް މިހާރު ކެމްޕޭން ކުރަމުން އަންނަ ޕީޕީއެމްގެ ހަރަކާތްތަކަށް ފޭދޫ ބަނދަރުގެ އިރުން އޮތް ބިން އެ ޕާޓީ އަށް ވަގުތީ ގޮތުން ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ޕީޕީއެމްގެ ފަރާތުން އެ ބިން ހޯދުމަށް އައްޑު ސިޓީ ކައުންސިލަށް ހުށަހެޅުމާ ގުޅިގެން އިއްޔެ އޮތް ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް އެ ބިން އެގްރިމެންޓެއްގެ ދަށުން ވަކި މުއްދަތަކަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފަަ އެވެ. އެ ބިމަކީ ފޭދޫ ޕީޕީއެމް ޖަގަހަ ކުރިމަތީގައި، ބަނދަރު ސަރަހައްދުން އަލަށް ހިއްކާފައި އޮތް ބިމެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރެ އާއި އޭގެ ކުރިން ވެސް ފޭދޫ ޕީޕީއެމް ޖަގަހައި އިން އިންތިޒާމް ކުރާ ހަރަކާތްތައް ބާއްވަމުން އަންނަނީ އެ ބިމުގަ އެވެ. އަދި އެ ތަނުގައި އާދީއްތަ ދުވަހުގެ ރޭ ވަނީ ޕީޕީއެމްގެ ބޮޑު ދިދައެއް ވެސް ނަގާފަ އެވެ.
މިހާރު ވެސް ޕީޕީއެމްގެ ދިދަ ޖަހައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ބިން ޕީޕީއެމް އިން ހޯދުމަށް އެދިފައިވަނީ ކުރިއަށް އޮތް 3 މަސް ދުވަހަށެވެ. ނަމަވެސް ކައުންސިލުން އެ ބިން ދޭން ނިންމަނީ ކިތައް ދުވަހަށް ކަމެއް ނޭނގެ އެވެ.
ރިއާސީ އިންތިހާބް ކައިރިވަމުން އަންނައިރު އައްޑޫގެ އެކި ސަރަހައްދު ތަކުގައި ސިޔާސީ ހަރަކާތުގެ ފޯރި ވަނީ ގަދަވެފަ އެވެ.
އެގޮތުން އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން އެ ޕާޓީގެ ރިއާސީ ކެންޑިޑޭޓް އައްޑު އަށް ވަޑައިގަތުމުން އައްޑޫ ޒުވާނުން ބޭއްވި ހާއްސަ ބާބަކިއު ބާއްވާފައި ވަނީ ފޭދޫ ބަނދަރު ސަރަހައްދުގަ އެވެ.