Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"އައިއެސް ޖަމާޢަތަށް ބައިޢަތުހިފާފައިވާ މީހުންގެ ކަންތަކަށް ޙިކުމަތްތެރި ފިޔަވަޅުތަކެއް އަޅަންޖެހޭ"

އައިއެސް ޖަމާޢަތަށް ބައިޢަތުހިފާފައިވާ މީހުންގެ ކަންތަކަށް ޙިކުމަތްތެރި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޝެއިޚް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

މިކަމަށް އިޝާރާތްކުރައްވާ ބުރާސްފަތި ދުވަހު ޝެއިޚް އަނީލް ވަނީ ދެ ޓްވީޓެއް ކުރައްވާފައެވެ.

"އައިއެސް ޖަމާޢަތަށް ބައިޢަތުހިފާފައިވާ މީހުންގެ ކަންތަކަށް ޙިކުމަތްތެރި ފިޔަވަޅުތަކެއް އަޅަންޖެހޭ. އެ އަވާގައި ޖެހިފައިތިބި ޒުވާނުންނަށް ހައްޤުބަސް އިއްވައިދޭންޖެހޭ. އައިއެސް އަކީ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެނެސްދެއްވި އިސްލާމްދީނާއި ޚިލާފު ބިދުޢަވެރި ޚަވާރިޖުންގެ ބައިގަނޑެއް." ފުރަތަމަ ޓްވީޓްގައި ޝެއިޚް އަނީލް ވިދާޅުވެފައިވަނީ މިފަދައިންނެވެ.

"އައިއެސް ޖަމާޢަތުގެ އަވާމެންދުރުގައިޖެހި، ފާޅުގައި އެ ފިކުރު ފަތުރަމުންދާ މީހުންނަށް އަވަސް، ޙިކުމަތްތެރި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ސްރީލަންކާގައި ހިނގާދިޔަފަދަ ހިތާމަވެރި ހާދިސާއެއް ހިނގާދިޔުމަކީ ދުރުކަމެއް ނޫން." ޝެއިޚް އަނީލްގެ ދެވަނަ ޓްވީޓްގައި ވިދާޅުވިއެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި ސްރީލަންކާގެ އެތައް ތަނަކަށް ވަނީ ޙަމަލާތަކެއް ދެވި ގިނަ އަދަދެއްގެ މީހުން މަރާލާފައެވެ. އެކަމުގެ ތައްޔާރީތައް ވަމުންދާ ގޮތުގެ ބައެއް ވީޑިއޯ އައިއެސް އަށް ނިސްބަތްވާ ފަރާތްތަކުން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. މިއީ އެއްވެސް ހާލެއްގައި ވެގެންވާނެ ގޮތެއް ނޫނެވެ. ދީނުގެ ނަމުގައި މިފަދަ ޖައްބާރު ޢަމަލުތައް ހިންގާ މީހުންނަކީ އިސްލާމްދީނަށް ތަބާވާ މީހުންނޭ ބުނެވޭކަށް ނޯންނާނެއެވެ.