Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ބޮމުގެ ހަމަލާއަށް ފަހު ލަންކާއިން ހަ ދިވެއްސަކު ހައްޔަރުކޮށްފި

ލަންކާގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ - ފޮޓޯ: އޭއެފްޕީ

ލަންކާގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެގައުމުގައި ދިރިއުޅެމުންދާ ހަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އާދީއްތަ ދުވަހު ލަންކާއަށް ދިން ޖާނުންފިދާވުމުގެ ހަމަލާ އާއި ގުޅިގެން ބޮން ގޮއްވި ހާދިސާގެ ތަހްގީގަށް ގިނަ ތަންތަން ލަންކާ ފުލުހުން ދަނީ ބަލައި ފާސް ކުރަމުންނެވެ.

އެގޮތުން ލަންކާގައި ދިވެހިން ދިރިއުޅެމުން ދިޔަ ގެއެއް ބަލައި ފާސް ކުރުމުގައި އެގެއިން އައިއެސްއާ ގުޅުން ހުރި ފޮތްތަކެއް ފެނިގެން އެގޭގެ އެންމެ އިސްކޮށް ހުރި ދިވެހި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި ނިގަމްބޯގައި ދިވެހިން އުޅޭ ގެއެއް ބަލައި އެގެއިން ވެސް އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މި މީހުންނާއި ގުޅޭ އިތުރު ތަފްސީލެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައި ނުވެއެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު އެ ހަމަލާއާ ގުޅުންހުރި އިތުރު ބަޔަކު ގޮވާ ތަކެއްޗާއެކު އުޅެމުންދާތީ އެމީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ވެސް ލަންކާގައި އިއުލާންކޮށްފައިވާއިރު ބޮމުގެ ހަމަލާތަކުގައި 259 މީހުން މަރުވެ 400 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.

މިދިޔަ އާދިއްތަ ދުވަހު ލަންކާގައި ދެވުނު މި ހަމަލާއަކީ އެގައުމުގައި މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ހަަމަލާއެވެ.