ބޮޑު ކާމިޔާބީއެއް ހޯދި "ބަރްފީ" އަށް ފަހު ޑައިރެކްޓަރު އަނޫރާގް ބާސޫ އާއި ރަންބީރު ކަޕޫރު އާ ފިލްމެއްގެ މަސައްކަތް އެކުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
އެގޮތުން ދެ މީހުން ގުޅިގެން ވަނީ ޕްރޮޑަކްޝަން ހައުސްއެއް ވެސް ލޯންޗްކޮށްފަ އެވެ. "ޕިކްޗަ ޝުރޫ ޕްރޮޑަކްޝަން" ގެ ނަމުގައި އިއްޔެ ލޯންޗް ކުރި ކުންފުނީގެ ފުރަތަމަ ފިލްމަކީ ޑިޓެކްޓިވް ފިލްމެއް ކަމަށްވާ "ޖައްގާ ޖާސޫސް" އެވެ.
އެ ފިލްމް ޕްރޮޑިއުސްކޮށް ލިޔެ ޑައިރެކްޓް ކުރާނީ އަނޫރާގް އެވެ. އަދި އޭނާ އާ ގުޅިގެން އެ ފިލްމް ޕްރޮޑިއުސްކޮށް އެކްޓް ކުރާނީ ރަންބީރު އެވެ. އެހެން ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
"ޖައްގާ ޖާސޫސް" ގެ އިތުރުން އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކިޝޯރް ކުމާރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އަނޫރާގް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމްގެ ލީޑް ރޯލަށް ވެސް ހަމަޖައްސާފައި ވަނީ ރަންބީރެވެ.