ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކެމްޕެއިންގައި މާދަމާ މެންދުރު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް "ގައުމާއިގެން ކުރިއަށް" އިއްތިހާދުން ބުނެފި އެވެ.
ކެމްޕެއިންގައި ހަރަކާތްތެރިވާ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ކުޅުދުއްފުށިގައި ޖަލްސާ ބޭއްވުމަށް ފަހު މިހާރު ވަހީދު ހުންނެވީ ގދ. ތިނަދު އަށް ވަޑައިގަތުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ.
އަދި މިރޭ ތިނަދޫގައި ޖަލްސާ ބޭއްވުމަށް ފަހު މާދަމާ ހެނދުނު ފުވައްމުލަކަށް ވަޑައިގެން މެންދުރު ފުވައްމުލަކުން އައްޑު އަށް ވަޑައިގަންނަވާނެ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މާދަމާ ރައީސް ވަހީދު ވަޑައިގެން އައްޑޫގައި ކުރިއަށް ގެންދާ ކެމްޕެއިން ރޯޑް ޝޯވްގައި އެ މަނިކުފާން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސް ޑރ. ވަހީދު ވަނީ މިދިޔަ އާދީއްތަ ދުވަހު ހަވީރު އައްޑު އަށް ވަޑައިގެން ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު އިފްތިތާހްކޮށް ދެއްވާފަ އެވެ.