Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

ހިޔާނާތާ ގުޅިގެން ޝާހިދުގެ މައްސަލަ ޕީޖީ އަށް

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ކުރީގެ ސްޓޭޓް މިނިސްޓަރު، ސ. ހިތަދޫ ޒަމާނީގެ އަބްދުﷲ ޝާހިދު އާއި އިތުރު އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕޮރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފުލުހުން މިއަދު ފޮނުވައިފި އެވެ.

ފުލުހުން ބުނީ ދައުވާ ކުރަން ފޮނުވާފައި ވަނީ ސ. މަރަދޫ، ބިއުޓީ، އަހްމަދު ނަޖާހް، 34، މއ. އެވަގްލޯރީ، އަހްމަދު އާރިފް )އާއްޓޭ(، 49، އާއި ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދު، 53، އާއި ގދ. ހޯޑެއްދޫ ފޭރުމާގެ، އަބްދުﷲ ސައީދު، 49 އާއި ހ. ސޯސަންމީޑް، އަބްދުﷲ ހަސަން، 56، އާއި، ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު ހިންގުމާ ކުރިން ހަވާލުވެ ހުންނެވި ކުރީގެ ސްޓޭޓް މިނިސްޓަރު ސ. ހިތަދޫ ޒަމާނީގެ އަބްދުﷲ ޝާހިދު، 50، އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ، ހ. ރަބީއީ މަންޒިލް، މުހައްމަދު ޝާހިދު، 53، އާއި، ރ. ކަނދޮޅުދޫ ހުސްނުހީނާގެ މޫސާ އަލީ ކަލޭގެފާނު، 49، އާއި، މއ. ބްލެކްޕޫލް އަހްމަދު ޝަމްއޫން ޒާހިރު، 23، އެވެ.

މައްސަލައިގައި ދައުވާކުރި މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ވަނީ ސުނާމީގައި ގެއްލުން ލިބުނު ރަށްތަކަށް ކޮންސްޓްރަކްޝަން މެޓީރިއަލް ހޯދުމަށް 2005 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް )އޭބީސީ(ގެ ނަމުގައި ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ ކްރެޑިޓް މުދާ ގަތުމަށް އެދޭ ފޯމުތަކަށް އެޕޯލޯ ކުންފުނިން ހަމަ އެ އަހަރު އިންވޮއިސް ހުށަހަޅައިގެން ފައިސާ ނަގާފައިވަނިކޮށް، އޭބީސީ ކުންފުނިން 2009 ވަނައަހަރާއި 2010 ވަނައަހަރު އެ ފޯމުތަކުގެ ފޮޓޯ ކޮޕީއަށް ހަދާފައިވާ އިންވޮއިސްތަކަށް ދައުލަތުގެ މާލިއްޔާއިން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައިގަ އެވެ. އެއީ މަކަރާއި ހީލަތުން އޮޅުވާލައިގެން ނެގި ފައިސާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

މި މައްސަލައިގެ ތަހްގީގު ނިންމައި ޕީޖީ އަށް ފޮނުވާފައި ވަނީ މެއި 16 ގައި ކަމަށް ފުލުހުން ބުނެ އެވެ.