Last Updated: July 15, 14:06
Wednesday, July 15, 2026
ޚަބަރު

18 ވަނަ މަޖިލީހުގައި 94 އިންސައްތަ މަސައްކަތް ނިންމާފައިވޭ: ގާސިމް

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 94 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

18 ވަނަ މަޖިލީހުގެ ފަހު ޖަލްސާ މިއަދު ނިންމަވާލެއްވުމުގެ ކުރިން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭ ޖުމްލަ 174 ބިލާއި ހަތް ގަރާރުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ހުށަހެޅުއްވި 154 މައްސަލަ އާއި ރިޔާސަތުން ހުށަހެޅުއްވި 26 މައްސަލަ އާއި މެމްބަރުން ހުށަހެޅުއްވި 19 މައްސަލައެއް މި މަޖިލީހުން ނިންމަވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ ފަސް ބަޖެޓާއި އެއް ސަޕްލިމެންޓްރީ ބަޖެޓު ވެސް މި މަޖިލީހުން ފާސްކުރައްވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކި މައްސަލަތަކާއި ގުޅޭ 151 ރިޕޯޓު ނިންމާފައިވާ ކަމަށާއި، ވަޒީރުންނާއި 60 ސުވާލު މި މަޖިލީހުގެ މެމްބަރުން ކުރައްވާފައިވާކަން ވެސް ގާސިމް ފާހަގަކުރެއްވިއެވެ.

"ޖުމްލަ އިންސައްތަ އަށް ބަލާއިރު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ޖުމްލަ 94 އިންސައްތަ މަސައްކަތް ވަނީ ނިންމަވާފަ. އެއީ ވަރަށް ބޮޑު އަދަދެއް" ގާސިމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ގާސިމް ވަނީ 19 ވަނަ މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުން މާޒީގެ ދުވަސްތަކުން ލިބުނު އިބްރަތްތަށް ހާސިލުކޮށްގެން ކުރިއަށް ވަޑައިގެންނެވުމަށް އިލްތިމާސް ކުރައްވާފައެވެ.

އާ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.