Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

"އަމިއްލަ ކްލިނިކްތަކަކީ ރީޖަނަލް ހޮސްޕިޓަލާ ކޮމްޕީޓް ކުރާތަނެއް ނޫން"

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫގެ ޕްރައިވެޓް ސެކްޓަރ ތަކަކީ އެއްގޮތަކަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ކޮމްޕީޓް ކުރާތަނެއް ނޫންކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމާ މިވަގުތު ހަވާލުވެގެން ހުންނެވި ޝާހް ސައީދް ވިދާޅުވެއްޖެއެވެ.

ޝާހް މިހެން ވިދާޅުވެފައިވާއިރު، ސޯޝަލް މީޑިއާގައިވެސް އައްޑޫގެ އެތައް ރައްޔިތުންނެއްދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވުރެން އައްޑޫގެ ޕްރައިވެޓް ސެކްޓަރތަކުން ހިންގާ ކްލިނިކްތަކުގެ ޚިދްމަތް މާބޮޑަށްވެސް ރަގަޅުކަމަށް ފާހަގަކޮށް އެބޭފުޅުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. ޝާހް ވިދާޅުވިގޮތުގައި ހޮސްޕިޓަލުން ދެކެނީ ޕްރައިވެޓް ސެކްޓަރ ތަކަކީ އެއްކޮށް މަސައްކަތްކުރާ "ޕާޓްނަރުން" ތަކެއް ކަމަށެވެ.

" އަޅުގަނޑުމެންދެކެނީ އެބޭފުޅުންނަކީވެސް އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތްކުރާ ޕާޓްނާއެއްގެ ގޮތުގަ. މިކޮޅުންގެންދާ ކޮންމެ ކަހަލަ ޓްރެއިނިންގެ އެއްގަވެސް އެބޭފުޅުން ބައިވެރިކުރަން. އަޅުގަނޑުމެންނަކީ އެއް ޚިދްމަތެއްދޭ ބައެއް. ޕްރައިވެޓް ސެކްޓަރ ޑިވަލޮޕްވެގެން ދިއުމަކީ އައްޑުއަށްވެސް ލިބޭ ކުރިއެރުމެއް." ޝާހް ވިދާޅުވިއެވެ.

މީގެ އިތުރަށް ޝާހް ވިދާޅުވީ، ޕްރައިވެޓް ސެކްޓަރތައް ކުރިއެރުވުމަށް ސަރުކާރުންވެސް ވަރަށް ބޮޑު ހޭދައެއް ކުރައްވާކަމަށެވެ. އޭގެ ތެރެއިން އާސަންދައިގެ ޚިދްމަތްވެސް ހިމެނޭ ކަމަށެވެ.

އައްޑޫސިޓީގައި ޚިދްމަތް ދެމުންދާ ހަމައެކަނި ސަރުކާރުގެ ހޮސްޕިޓަލުގައި، މީގެ ކުރިން މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރުން އައްޑޫގެ އެހެނިހެން ޕްރައިވެޓް ކްލިނިކްތަކަށް ބަދަލުވުމާ ގުޅިގެން ރައްޔުތުންގެ ޝަކުވާ ވަރަށް ބޮޑެވެ. އެކަމާބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާހް ވިދާޅުވީ، އެ ޑޮކްޓަރުންނަށް އައިޖީއެމްއެޗްގައި މަސައްކަތް ކުރުމުގެ ފުރުސަތްްއޮތްއިރުވެސް، އެބޭފުޅުން އިހްތިޔާރް ކުރައްވަނީ އައްޑޫގެ ރައްޔިތުންނަށް ޚިދްމަތް ކުރެއްވުމަށްކަމަށާއި، އެއީވެސް އައްޑޫއަށް ލިބޭ ކުރިއެރުމެއް ކަމަށް ހޮސްޕިޓަލުން ދެކޭކަމަށެވެ.

"މި ހޮސްޕިޓަލުގެ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލް ތަކުގައި ދާ މައްސަލައަށް މީހުން ޝަކުވާކުރޭ. މީގަ އެއްވެސް ގާނޫނެއްވެސް މަނަލެއް ނުކުރޭ އެހެން ވަޒީފާއަކަށް ދިއުމުގަ. އެއީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އޭގެއިން އަޅުގަނޑުމެންނަށް އެގިގެން ދިޔައީ މި ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރުންނަކީ އައްޑޫގެ ރައްޔިތުން ބަލައިގަންނަ ބައެއްކަން. އެބޭފުޅުންނަ އެބްއޮތް އައިޖީއެމްއެޗްގައި މަސައްކަތް ކުރުމުގެ ފުރުސަތްވެސް. އެކަމުވެސް އެބޭފުޅުން އިހްތިޔާރް ކުރައްވަނީ އައްޑޫގެ ރައްޔިތުންނަށް ޚިދްމަތް ކުރެއްވުމަށް. އެއްވެސް ތަނަކުން ވަޒީފާގެ ކުރިއެރުމަކަށް ހުރަހެއް ނޭޅޭނޭ. އެމީހުން ޕާސަނަލީ ހޯދާ ކުރިއެމަކަށް މަރުހަބާ ކިޔަން. އެއީ ހަމަ އައްޑޫއަށްލިބޭ ތަރައްގީއެއް" ޝާހް ވިދާޅުވިއެވެ.