Last Updated: July 26, 09:53
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝަބާނާ އަށް އިތުރު ޑޮކްޓަރޭޓެެއް

ބޮލީވުޑްގައި މަސައްކަތް ކުރާ އެންމެ ތައުލީމީ އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ޝަބާނާ އަޒުމީ އަށް އިތުރު ޑޮކްޓަރޭޓް ޑިގްރީ އޮނާއެއްް އަރުވައިފި އެވެ.

މިއީ "މާސޫމް" އާއި "ފަޔާ" އަދި "ސާޒް" ފަދަ ވަރުގަދަ ފިލްމްތައް ކުޅެފައިވާ ޝަބާނާ އަށް މި ޝަރަފް އެރުވި ހަތަރު ވަނަ ފަހަރެވެ. މި ފަހަރު ޑޮކްޓަރޭޓްގެ ޝަަރަފް އޭނާ އަށް އަރުވާފައި ވަނީ އިއްޔެ ކެނެޑާގެ ވެންކޫވާގައި ހުންނަ ސައިމަން ފްރޭޒާ ޔުނިވަސިޓީންނެވެ.

މީގެ ކުރިން ހަމަ މި ޝަރަފް ޝަބާނާ އަށް އަރުވާފައި ވަނީ އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަސިޓީ އާއި ޖާމިއާ މިލިއާ އިސްލާމިއާ އިންނާއި ޖަދަވްޕޫރު ޔުނިވަސިޓީންނެވެ.

ސައިމަން ފްރޭޒާ ޔުނިވަސިޓީން އެރުވި ޝަރަފާ ގުޅިގެން ޝަބާނާ ބުނީ އޭނާގެ ހިދުމަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކުރާތީ އެކަމާ އުފާ ކަމަށެވެ.

އިންޑިއާގެ މަޝްހޫރު ޅެންވެރިޔާ ޖާވިދް އަހުތަރާ ކައިވެނިކޮށްގެން އުޅޭ އުމުރުން 61 އަހަރުގެ ޝަބާނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމްތަކުގެ ތެރޭގައި "އާތު"، "ސްޕާޝް"، "އަމަރު އަކްބަރު އެންތަނީ" އަދި "މަކްޅީ" ފަދަ ފިލްމްތައް ހިމެނެ އެވެ.

ޝަބާނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ ވިޝާލް ބަރަދްވާޖްގެ "މަތުރު ކީ ބިޖިލީ ކާ މަންޑޯލާ" އިންނެވެ.

ޝަބާނާގެ އިތުުރުން ބޭރުގެ އެކިއެކި ޔުނިވަސިޓީތަކުން ޑޮކްޓަރޭޓްގެ ޝަރަފް އަރުވާފައިވާ ތަރިންގެ ތެރޭގައި އަމީތާބް ބައްޗަން އާއި ހެމާ މާލިނީ ފަދަ ތަރިން ވެސް ހިމެނެ އެވެ.