Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލަނީ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: މިހާރު

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފްތަރެއް މިއަހަރު ތެރޭގައި އެކުލަވާލާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިންގެ ދަފްތަރެއް މިއަހަރު ތެރޭގައި އެކުލަވައިލައްވާނެ ކަމަށެވެ.

"ހެޔޮ ބަދަލުތައް މުޅި ސިނާއަތަށް ގެންނާނީ އެންމެން އެކީގައި" މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާގެ ދަފްތަރެއް އެކުލަވާލަން ނިންމާފައިވާއިރު އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ހާއްސަ ބޯޑެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އެކުލަވާލައްވާފައެވެ.

ރައީސް އޮފީހުން ބުނީ "މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު" ގެ ނަމުގައި އުފެއްދެވި މި ބޯޑުގެ މަގުސަދަކީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްތައްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެ ތަންތަނުގައި މަސަކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުން ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.