Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

އަވަށު ބޯޑު މައްސަލަ އިސްތިއުނާފް ކުރާނަން: ސޯބެ

ކައުންސިލްތަކާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އައްޑޫ މޭޔަރު.(ކ 2 ވަނަ) ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީ ކައުންސިލުން އުފައްދާފައިވާ އަވަށު ބޯޑު ތަކަކީ ގާނޫނާއި ހިލާފަށް އުފައްދާފައިވާ ބޯޑުތަކެއް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން އިންސާފުވެރި ނޫން މަށާއި، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ސޯބެ ވިދާޅުވީ މައްސަލަ އާއި ގުޅޭ ލިޔެކިއުންތައް ހޯދަމުން އަންނަ ކަމަށެވެ. އަދި ލިއުންތައް ލިބުނުހާ އަވަހަކަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާނެ ކަަމަށެވެ.

ހިތަދޫ ނޫރުވާދީ އިބްރާހިމް ރަޝީދު ވަޖުދީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 14 ވަަނ ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ އާ ގުޅިގެން ޖޫން 4 ވަނަ ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ އައްޑޫ ސިޓީގައި އުފައްދާފައިވާ އަވަށު ބޯޑްތަކަކީ ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް އުފައްދާފައިވާ ބޯޑްތަކެއް ކަމަށެވެ.

އަދި އެ ބޯޑުތަކަށް ރައީސުންނާއި ނައިބް ރައީސުން ވެސް އައްޔަންކޮށްފައި ވަނީ އެ ގާނޫނާ ހިލާފަށް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

"…އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފަރާތުން އެ އިދާރާގެ ރަށްތަކުގެ ތެރެއިން ހިތަދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ވަގުތީ ރައީސްގެ މަގާމާއި މަރަދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ވަގުތީ ނައިބް ރައީސްގެ މަގާމާއި ފޭދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމާއި ހުޅުމީދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސާއި ވަގުތީ ނައިބް ރައީސްގެ މަގާމަކީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނުން ހިންގުމުގެ ގާނޫނާ ހިލާފަށް އުފައްދާފައިވާ މަގާމުތަކެއް" ކަމަށް ހުކުމުގައިވެ އެވެ. "…މި މަގާމުތަކަކީ ބާތިލް މަގާމުތަކެއް ކަމަށް ހުކުމްކޮށް، އެ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުން އެ މަގާމުތަކުން ވަކި ކުރުމަށް އައްޑު ސިޓީ ކައުންސިލް އިދާރާގެ މައްޗަށް އަންގައި އަމުރުކޮށް މި ގަޒިއްޔާ ނިންމީމެވެ." ހުކުމްގައިވެ އެވެ.