Last Updated: June 18, 18:11
Wednesday, June 18, 2025
ޚަބަރު

ފަލަކީ ހިސާބަށް ބަލާއިރު ހަނދު ފެނުމުގެ ފުރުސަތެއް ނެތް: މައުމޫން

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ފަލަކީ ހިސާބުތަކަށް ބަލާއިރު މިއަދުގެ އިރު އޮއްސުމަށް ފަހު މުސްލިމް އެއްވެސް ގައުމަކަށް ހަނދު ފެނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމް އެއްވެސް ގައުމަކަށް ހަނދުފެނުމުގެ ފުރުސަތެއް މިއަދު ނެތުމުން ފަލަކީ ގޮތުން ބަލާއިރު މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދު ހަވީރު 5.30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އަދި ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށާއި، ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގަކަމަށް ޑީޖޭއޭ އިން ބުނެއެވެ.

އަތޮޅު ތަކުގައިނަމަ ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގަކަމަށާއި، މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ އެވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީކަމަށް ވެސް ޑީޖޭއޭ އިން ބުނެއެވެ.