އައްޑޫގައި ތިބި ފަގީރުންނާއި މިސްކީނުން ނަން ނޯޓް ކުރުމުގެ ފުރުސަތު އައްޑު ސިޓީ ކައުންސިލްގެ ސޯޝަލް ޑިޕާޓްމަންޓުން ހުޅުވާލައިފި އެވެ.
އެ ޑިޕާޓްމަންޓްގެ ޖެނެރަލް ސާވިސް ސެކްޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ފިތުރު ޒަކާތް ބެހުމަށާއި އަންނަ އަހަރުގެ މުދަލުގެ ޒަކާތް ބެހުމަށް ފަގީރުންނާއި މިސްކީނުން ނަން ނޯޓް ކުރުމުގެ ފުރުސަތު މި މަހުގެ 16 އިން ފެށިގެން ޖުލައި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ނަން ނޯޓް ކުރަންދާ އިރު އައިޑީ ކާޑް ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓް ގެންނަ ޖެހެ އެވެ.
އަދި ނަން ނޯޓް ކުރުން ކުރިއަށް ދާނީ އެ މުއްދަތުގެ ތެރޭގައި ހެނދުނު 10:00 އިން މެންދުރު 1:00 އަށް ކަމަށް ވެސް ސޯޝަލް ޑިޕާޓްމަންޓުން ބުންޏެވެ.
އެ ޑިޕާޓްމަންޓުން ބުނީ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ބެލެވޭނީ މަހަކު އެވްރެޖްކޮށް 2،000ރ. އަށް ވުރެ މަދުން ލިބޭ، ދިރިއުޅުމުގެ އަސާސީ ކަންކަމަށް ބޭނުންވާ ވަރަށް ތަނަވަސްކަން ނެތް އަދި އެ ވަރުގެ އުޖޫރައެއް ލިބޭ ވަރުގެ މަސައްކަތެއް ނެތް ދަތި ހާލުގައިވާ މީހުންނެވެ.