Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އާދިއްތަ ދުވަހުން ފެށިގެން މާލޭގެ ރައްޔިތުންނަށް ކަދުރު ބަހަނީ

އަންނަ އާދީއްތަ ދުވަހުން ފެށިގެން މާލޭގެ ރައްޔިތުންނަށް ކަދުރު ބަހަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލޭގައި ދިރިއުޅޭ މީހުންނަށް ކަދުރު ބެހުމަށް އިސްލާމިކް މިނިސްޓްރީން 4268 ޕެކެޓް ކަދުރު މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކަދުރު ބަހާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޭ އުސޫލުން ކަމަށް ވެސް އެ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެން ކަމަށާއި އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ކަދުރު ހުސްވަންދެން ކަދުރުތައް ބެހުން ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރަުން ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ސައްހަކަށް އަންގައިދޭ ލިޔުމެއް ހިފައިގެން އައުމުން ކަމަށާއި އެގޮތުން ގޭބިސީއެއްގެ ސައްހަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މާލޭ ސިޓީގެ ރައްޔިތުންނަށް ކަދުރު ބަހާނީ ޕޮލިސް ޓޯޔާޑް ކައިރީ ހުންނަ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ސެކްޝަނުންނެވެ. ކަދުރު ބަހާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:30 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށެވެ.