"ގައުމާއިގެން ކުރިއަށް" ކޯލިޝަން އޮތީ އައްޑޫ ރައްޔިތުންނާ އެކުގައި ކަމަށާއި އައްޑޫ ރައްޔިތުންގެ އުންމީދުތައް އެ ކޯލިޝަންގެ ސަރުކާރުން ހަގީގަތަކަށް ހައްދައި ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގެން ފޭދޫގައި ހަދާފައިވާ "ގައުމާއިގެން ކުރިއަށް" ކޯލިޝަންގެ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ހުރިހާ އުންމީދިތަކެއް ހާސިލްކޮށް ދެެއްވާނެ ކަމަށެވެ. އެގޮތުން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށިފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ދެން ނުހުއްޓި ކުރިއަށް ދާނެ ކަމަށެވެ.
ރައީސް އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކާ ނުގުޅި ތިބި ވަރަށް ގިނަ އަދަދެެއްގެ ރައްޔިތުން އަދިވެސް އެބަތިބި ކަމަށެވެ. އެހެންވެ އައްޑޫގައި ތިބި އެފަދަ މީހުން "ގައުމާއިގެން ކުރިއަށް" ކޯލިޝަނާ ގުޅުވައި ދިނުމަށް އެންމެން މަސައްކަތްކޮށް ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
އެހެންކަމުން ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުން އެއްވެސް އުނދަގުލެއް ނެތި ފަސޭހަކަމާ އެކު ސެޕްޓެމްބަރުގައި 7 ގައި އޮންނަ ރިޔާސީ އިންތިހާބް އެ ކޯލިޝަނަށް ކާމިޔާބް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.