Last Updated: April 23, 13:19
Tuesday, April 23, 2024
ރިޕޯޓް

ކަނޑޫދޫ މިރުހުގެ ބަހުސް ނިމި، މާލެ މީހާއާ ރާއްޖެތެރޭ މީހާގެ ބަހުސް!؟

ރާއްޖޭގެ ރަށެއްގައި ބަޔަކު މީހުން ޖޯލިފައްޗެއްގައި އިށީނދެލައިގެން -- ފޮޓޯ / މުޙައްމަދު އަފްރާޙް

"ކަނޑޫ މިރުހުގެ ކަންތައް ދެން ބޮޑު ހަނގުރާމައަކަށް އަހަރެމެންގެ ތެރޭގައި ހަދަން ނޫޅެބަލަ" ޢައިޝަތު އަލީޝާ ކިޔާ މީހެއްގެ ނަން މަތީގައި އިން ޓްވީޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ. އޭނާ މިހެން ބުނަން މި ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ އެހެން ސަރަޙައްދެއްގައި ހައްދަމުން އަންނަ ކަނޑޫދޫ މިރުހުގެ އަގު އެއްހާސް ރުފިޔާއަށް ކިލޯއެއް އަރައިގެން ދިއުމުން ގިނަބަޔަކު އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަ ގޮތެއްގައި ސޯޝަލް މީޑިއާގައި މިކަމުގެ ނުރުހުން ގިނަބަޔަކު އަންނަނީ ފާޅު ކުރަމުންނެވެ.

ކަނޑޫދޫ މިރުހުގެ ބަހުސްގެ ތެރެއިން ފަޅައިގެން ދިޔަ އަނެއް ވާހަކައަކީ މާލޭގެ ގެތަކުގެ ކުލީގެ ވާހަކައެވެ. ކުލި އަގުބޮޑު ވާހަކައެވެ. މާލެ މީހުންނަށް ކައިގެން ބޮއެގެން އުޅެވެނީ ރާއްޖެތެރޭ ރަށްރަށުގެ މީހުން މާލޭ މީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން އުޅޭތީއެވެ.

މި ބަހުސް ނިމުމަކަށް އައިސް އޭގެ އަގުވެސް މިހާރު ވަނީ ތިރިވެފައެވެ. ނަމަވެސް އަނެއްކާ މިވަނީ އައު ވާހަކައެއް ފަޅައިގެން ގޮސްފައެވެ. އެއީ މާލެ މީހާއާ ރާއްޖެތެރޭ މީހާގެ ވާހަކައެވެ. ކަނޑޫދޫ މިރުހުގެ އަގުން ފެށި މި ވާހަކަ މިއަދު ނަސްލީ ތަފާތު ކުރުމާއި ހަމައަށް މިވަނީ އައިސްފައެވެ.

https://platform.twitter.com/widgets.js

"ކަނޑޫދޫ މިރުސް އަގުބޮޑިއްޔާ އެހެން އެއްޗެއް ގަނެބަލަ. އެހެން ތަންތަނުގެ މިރުސްވެސް އެބަހުރި. މިކަމުގެ ސަބަބުން އެކަކު އަނެކެއްގެ ހިތުގައި ނަފްރަތު ނޫފައްދަބަލަ. މިއީ މަޢާފު ކުރުމުގެ މައްސަރަކޭ،" ކުރިންވެސް ޓްވީޓު ކޮށްފައިވާ ލީޝާ އޭނާގެ ޓްވީޓަރ އެކައުންޓުން ކޮށްފައި އިން ޓްވީޓެއްގައި ބުންޏެވެ.

ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވާ ބައެއް މީހުންނަށް މާލެ މީހުންނާއި ރާއްޖެތެރޭ މީހުންގެ ވާހަކަތަކާއި ބަހުގެ ޙަމަލާތައް ވަނީ މަޖާ ކަމަކަށެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ރާއްޖެތެރޭ މީހުންނާއި ހެދި މާލެ ތެރޭގައި މާލެ މީހުންނަށް އުޅެން އުނދަގުލަކަށް މިހާރު ވަނީ ވެފައެވެ. ރޯދަމަސް ފަދަ މަސްތަކުގައި މަގުތައް ފުރާލައިގެން ބާޒާރު މަތީގައިވެސް އުޅެނީ ރާއްޖެތެރޭ މީހުން ކަމާއި އެމީހުންނާއި ހެދު މާލެ މީހުންނަށް ބާޒާރު މައްޗަށް ނިކުމެލެވެން ނޯންނަ ކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ މިފަދަ ވާހަކަތައް ދައްކަމުންނެވެ. މިވާހަކަތައް ދައްކާ މީހުންނަށް ބައެއް ތާޢީދުކޮށްވެސް އަންނަނީ ވާހަކަދައްކަމުންނެވެ.

https://platform.twitter.com/widgets.js

"މާލޭގައި ރާއްޖޭތެރޭ މީހުންގެ އުނދަގުލާއި ހެދި އުޅެން އުނދަގޫ،" މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުންޏެވެ.
ސޯޝަލް މީޑިއާގައި މި ވޭތުވެދިޔަ އެއްދުވަސް ތެރޭގައި މިކަމުގައި ހޫނު ބަހުސްތަކެއް ކުރަމުންދާއިރު ބައެއް މީހުން ބުނާ ގޮތުގައި މާލެ މީހާއެއް ރާއްޖެތެރޭ މީހާއެއް ނޯވެއެވެ. އަހަރެމެން އެންމެންނަކީވެސް ދިވެހިން ކަމާއި އެހެންކަމުން ނަސްލީ ތަފާތު ކުރުންތައް ނައްތާލުމަށް ބައެއް މީހުން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

https://platform.twitter.com/widgets.js

"ރާއްޖެތެރޭ މީހާ މާލޭ މީހާ ވެގެން ނުވާނެ. އެންމެނަކީވެސް ހަމަހަމަ ބައެއް. އެހެން ވާހަކަދައްކާ އުޅޭނީ ވަރަށް ދަށްފެންވަރުގެ މީހުން،" މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދު ޓްވީޓަރގައި ބުނެފައިވެއެވެ. މީރާ ބުނާ ގޮތުގައި އޭނާއަށްވެސް ތަފާތު އެކި މިޒާޖުގެ ދިވެހިންނާއި ވަނީ ބައްދަލުވެފައެވެ. ރަނގަޅު މުސްލިމުންނަކީވެސް އެންމެނާއި މެދުވެސް ތިމާގެ ހިތް ސާފުކޮށް ބަހައްޓާ މީހާ ކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލަ ބޮޑުވެ ސޯޝަލް މީޑިއާގައި މި ބަހުސް ޙޫނުވުމުގެ ސަބަބަކަށް ވެގެންދިޔައީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފަށްވެސް މަޑުން ނުހުރެވެމުވެ. މިނިސްޓަރ މަޙްލޫފު ވިދާޅުވީ "އަހަރުމެން އެންމެންމީ ރާއްޖެތެރޭ މީހުން. މާލެ ވެސް، ތިނަދޫވެސް އަދި ގުރައިދޫވެސް އެއީ ރާއްޖެތެރެ. އެއީ ރާއްޖޭން ބޭރުގެ ރަށްރަށެއްނޫން،" ކަމަށެވެ.

https://platform.twitter.com/widgets.js

މިއީ ކޮން ކަމެއް ހެއްޔެވެ. މާދަމާވެސް ފުރަ މާލެއަށް ކަމެއް ދިމާވިއަސް ހަމަ އެކަމެއްގައި އެހީތެރިވެދީ އަތްދިއް ކޮށްލަން އަންނަނީ މާލެ މީހެއް ރާއްޖެތެރޭ މީހެއް ކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ. ތިމާއަށް އެހީތެރިވާ ވަގުތު އެ ސުވާލު އެއްވެސް މީހަކު އަނެކާއަށް ކުރޭ ހެއްޔެވެ. ދުނިޔެ މިވަރަށް ތަރައްޤީވެސް ތަޙުޒީބު ވަމުންދާއިރު އަހަރެމެން ދިވެހިން އަދިވެސް މިއުޅެނީ ރާއްޖެތެރޭ މީހާއާ މާލެ މީހާގެ ފަރަޤާއި ތަފާތު ކުރުމުން އަރައި ނުގަނެވިގެންނެވެ.